ENGLISH
17 މާރިޗު 2026
އިންތިހާބުތައް ގިނަވުމުން ގޮންޖެހުންތައް ބޮޑު، ދެ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ހަމަޖެހުން ގާއިމުވާނެ: އުޝާމް
17 މާރިޗު 2026
|
ބަންޑާރަނައިބު އަޙްމަދު އުޝާމު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގެ ތެރޭގައި އިންތިހާބުތައް ގިނަވުމުގެ ސަބަބުން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެ ގޮންޖެހުންތައް ހައްލުކުރެވި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކުރެވިގެންދާނެ ކަމުގައި ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފަހިވާ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުޝާމު ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރައްވައި ދައުލަތުގެ ހިންގުން ހަރުދަނާކުރެއްވމުގެ ވާހަކަފުޅަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ރައީސް ދައްކަވަމުންދާ ވާހަކަފުޅެއް ކަމަަށެވެ.
އުޝާމު ވިދާޅުވި ގޮތުގައި ރައީސްގެ އެ އަމާޒުފުޅަށް ވާސިލުވުމަށްޓަކައި ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވިފައިވެއެވެ. އެގޮތުން ކޮންމެހެން އިސްލާހުކުރަންޖެހޭ ގިނަ ގާނޫނުތަކެއް ފާއިތުވި މުއްދަތުގައި އިސްލާހުކުރެވި އެކަމުގެ ސަބަބުން ނިޒާމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ ވުޖޫދުވީއްސުރެ ވަރަށް ބޮޑެތި ހަމަނުޖެހުންތަކާއި ގޮންޖެހުންތައް ދިވެހިންނާ ކުރިމަތިވެފައިވާކަމާއި، އަބަދު އިންތިހާބުތަކުގެ ތެރޭގައި ގައުމު އޮތުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވައި އުޝާމު ވިދާޅުވީ އިންތިހާބުތައް ގިނަވުމާ ގުޅިގެން އަންނަ ސިޔާސީ ހަމަނުޖެހުންތަކާމެދު ރާއްޖޭގައި އިންވެސްޓުކުރައްވަން ބޭނުންފުޅުވާ ބައެއް ބޭފުޅުންވެސް ޝަކުވާ ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިފެންނަ މަންޒަރަކީ ރިޔާސީ އިންތިހާބު ނިންމާފައި އޭގެ ހައެއްކަ މަސްފަހުން މިއޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު. އަނެއެެއްކާ އޭގެ އަހަރެއް ދެ އަހަރެއް ފަހުން މިއޮންނަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބު. މިދެންނެވިހެން ރައްޔިތުންނަށް ހިދުމަތްކުރަން ފަސް އަހަރު ލިބޭއިރު އަބަދުވެސް އިންތިހާބެއްގެ ތެރޭގައި އުޅެންޖެހުމުން ދިމާވާ ގޮންޖެހުންތައް ހަމަ ވަރަށް ބޮޑެތި. މިކަމަށް ހައްލުތަކެއް ގެނައުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާކުރެވުނީ،" އުޝާމު ވިދާޅުވިއެވެ.
މި ވިސްނުމާއި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލުން ހާސިލުކުރަން ބޭނުންފުޅުވީ ދެ އަމާޒެއް ކަމުގައި އުޝާމު ވިދާޅުވިއެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި، ދެ އިންތިހާބު އެއްކޮށް ބާއްވަން ރައްޔިތުން ނިންމައިފިނަމަ މަޖިލީހުގެ މެންބަރުން ހުވައިކުރައްވާ ތާރީހު ޑިސެންބަރު އެއްވަނަ ދުވަހަށް ހެދުމެވެ. އެއިރުން ރައީސް ހުވައިކުރައްވާތާ ދެ ހަފުތާއެއްހައި ދުވަސްފަހުން މަޖިލީހުގެ މެންބަރުން މަގާމުގެ ހުވައިކުރައްވާނެއެވެ.
"އެބަދަލު އެހެން އައިސްފިކަމުގައިވާނަމަ ވޭތުވެދިޔަ 15 ވަރަކަށް އަހަރު އިންތިހާބުތަކާ ގުޅިގެން އަންނަމުންދިޔަ ސިޔާސީ ދެކޮޅުވެރިކަން ވަރަށް ބޮޑަށް ހައްލުކުރެވިގެންދާނެ ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ،" އުޝާމު ވިދާޅުވިއެވެ.
އުޝާމު ގަބޫލުކުރައްވާ ގޮތުގައި މިހާރު ގާނޫނުއަސާސީއަށް ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވާ އަށްވަނަ އިސްލާހުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދިޔައީ އެކަށީގެންވާ މިންވަރަށް ދިރާސާކުރުމާއެކު، މަޝްވަރާގެ އުސޫލުގެ ތެރެއިން އެފަދަ އިސްލާހުތައް ގެނައުމުގައި އަމަލުކުރަންޖެހޭ ހަމަތަކާ އެއްގޮތަށެވެ.
އެގޮތުން މަޖިލީހަށް މިބިލު ހުށަހެޅި އެކަށީގެންވާ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވި، ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް ހިޔާލު ހޯދުނުކަން ފާހަގަކުރައްވައި އުޝާމު ވިދާޅުވީ އެ މަރުހަލާގައި ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު އާއްމުންނަށްވެސް ހުޅުވިގެންދިޔަ ކަމަށެވެ.
އަދި ބިލު ފާސްކުރުމަށްފަހު އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމާމެދު 45 ދުވަހުގެ މުުހުލަތެއް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ލިބޭކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭޕްރީލު ހަތަރުވަނަ ދުވަހާ ހަމައަށް އެ އިސްލާހާމެދު މަޝްވަރާކޮށް ބަހުސްކުރުމަށް ފުޅާ ގޮތުގައި ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން މިއީ އެކަށީގެންވާ ގޮތުގައި ބަހުސްކުރެވިގެން ކަމުގެ ހަގީގަތް ރައްޔިތުންނަށް ބުނެދިނުމުގެ ފުރުސަތު ފަހިކޮށްދީގެން ކުރިއަަށްގެންދެވޭ މަސައްކަތެއް ކަމަަށެވެ.