ENGLISH
17 މާރިޗު 2026
ރައީސް ޑރ.މުޢިއްޒެކޭ އެއްފަދައިން ހީވާގިކަމާއެކު މާލޭ ރައްޔިތުންނަށް ހިދުމަތްކުރެއްވޭނީ ޖަލީލަށް: ޝުޖާ
17 މާރިޗު 2026
|
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު މާލޭ ރައްޔިތުންނަށް ހިދުމަތްކުރައްވަމުން ގެންދެވި ގޮތަށް އެ ވީހާގިކަމާއި އިހުލާސްތެރިކަމާއެކު އެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅީ އުތުރުގެ ކައުންސިލަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ މެންބަރުކަމަަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ޝުޖާވަނީ މާލެ ސިޓީ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެން އެ މަގާމު އަދާކުރެއްވިއިރު ރައީސް ޑރ.މުޢިއްޒު މަސައްކަަތްކުރެއްވި ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ.
މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ޝުޖާއު ވިދާޅުވި ގޮތުގައި މޭޔަރުގެ މަގާމުގައި ހުންނެވިއިރު އެންމެ ހެނދުނާ އޮފީހަށް ވަޑައިގަންނަވާ ބޭފުޅަކީ ރައީސެވެ. އަދި އެމަނިކުފާނު ކޮންމެ ދުވަހަކުވެސް މަސައްކަތް ފައްޓަވަނީ ކައުންސިލަރުންނާއެކު ހެނދުނުގެ ނާސްތާ ނަންގަވައިގެންކަމަށާއި، އެވަގުތު ދާއިރާތަކުގައި ހުރި މައްސަލަތައް އޮޅުންފިލުއްވަައި، ކައުންސިލަރުންނާއެކު އެކަންކަން ހައްލުކުރެއްވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާައެކު ކޮންމެ ހަފުތާއަކު އެއްފަހަރު ލަންޗުން ބައްދަލުކުރައްވައި، ދާއިރާތަަކުގައި ހުރި މައްސަލަތައް ދެނެގަނެ، ކައުންސިލަރުން މެދުވެރިކޮށް އެ މައްސަލަތައް ހަައްލުކުރަން އެމަނިކުފާނު މަސައްކަތް ފައްޓަވާނެ. މާނައަކީ މާލޭ ސިޓީގެ މޭޔަރަކަށް އަންނަންޖެހޭނީ އެމަނިކުފާނު ފަދަ ހަގީގީ ހީވާގި ހިދުމަތްތެރި، ތެދުވެރި، އަމާނާތްތެރި ބޭފުޅެކޭ. އެ ބޭފުޅަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި މޭޔަރަލް ކެންޑިޑޭޓު މޫސާ އަލީ ޖަލީލުކަން ތިޔަ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުން،" ޝުޖާ ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނާމެދު ރައީސްގެ ހިތްޕުޅުގައި އޮތް އޯގާތެރިކަމާއި ލޯބި ދައްކުވައިދޭ އެއްކަމަކީ އެމަނިކުފާނުގެ މޭޔަރުކަމުގައި މާލޭ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ތަހައްމަލުކުރަންޖެހޭ ތުރާތަކާ ގުޅިގެން ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމުތަކެއް ގާއިމުކޮށްދެއްވުންކަން ފާހަގަަކުރައްވަމުން ޝުޖާ ވިދާޅުވީ މެސެޖާއި މެއިލާއި، ފޯނު ކޯލުގެ އިތުރަށް ސިޓީ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ރައީސްގެ މޭޔަރުކަމުގައި އިންތިޒާމުކުރެވިގެން ދިޔަ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް މުއިއްޒު ގެންނެވި މެނިފެސްޓޯ އެމަނިކުފާނު ނިންމެވި ހިސާބުން ފައްޓަވައިގެން ކުރިއަށްގެންދެވުމަށް ނިކުމެވަޑައިގެން ރައީސްގެ ފަރާތްފުޅުން ނުކުމެވަަޑައިގެން ހުންނެވީ އެމަނިކުފާނުގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު. އަޅުގަނޑުމެން މާލޭ ލޮބުވެތި ރައްޔިތުންނަށް ދޭން ބޭނުންވާ އެ މުރާލިކަމާއި އެ ދެފުށްފެންނަ ގޮތުގައި ކައުންސިލު ހިންގުމަށް ރައީސް މުއިއްޒު ހިންގެވި މަގުން ހިންގަވާނެ ބޭފުޅެކޭ އަޅުގަނޑުމެންގެ މޭޔަރަލް ކެންޑިޑޭޓަކީ،" ޝުޖާއު ވިދާޅުވިއެވެ.
މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަދީމަކީ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމުގައި ހިދުމަތްކުރެއްވި، ތެދުވެރިކަަމާއި އަމާނާތްތެރިަކަމާއެކު ގައުމީ ހިދުމަތުގައި ދެމިހުންނެވި ވަރަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ މޭޔަރު އަދި ކައުންސިލަރު ކެންޑިޑޭޓަކީ ގާބިލު ބޭފުޅުންނަށްވުމުން މާލޭގައި ހުރި މައްސަލަތައް އިންތިޒާމީ ގޮތެއްގަައި ހައްލުކުރުމުގައި އެ ބޭފުޅުން ގުޅިވަޑައިގެން މުހިއްމު ދައުރެއް އަދާކުރައްވާނެ ކަމަށެވެ.