ENGLISH

17 މާރިޗު 2026

Advertisement

ރައީސް އަޒުލުކުރުމަށް ވޯޓްދޭން އެދި އެމްޑީޕީން ރިޝްވަތު ހުށަހެޅި: ސަލީމް

17 މާރިޗު 2026

|

އަޙުމަދު ޙަމީދު

އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ރައްޔިތުންގެ މަޖިލީސްތެރެއިން ވައްޓާލަން އެމްޑީޕީން މަސައްކަތް ކުރި ކަމަށާ އެ މަސައްކަތުގައި ބައިވެރިވެ ވޯޓްދޭން އެދި "ރިޝްވަތު" ހުށައެޅި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް) ޕާޓީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ  ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު މެންބަރުންގެ ތެރޭގައި ވެސް ސަލީމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުމާއެކު ރައްޔިތުން އިންތިޚާބުކުރި ސަރުކާރު ވައްޓާލަން އެކިގޮތްގޮތުން މަސައްކަތް ކުރި ކަމަށެވެ.

އަދި އޭރު މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ ނިންމުމަށް ގޮންޖަހަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ޤާނޫނީ އިމުން ބޭރުން އެކަން ކުރަން މަސައްކަތް ކުރީ މަޖިލީހުގެ މެންބަރުންނަށް "ރިޝްވަތު" ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އޭނާއަށް ވެސް "ރިޝްވަތު" ހުށައެޅި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި ބުންޏޭ، މިކޮޅަށް (އެމްޑީޕީއަށް) އަންނާށޭ، ތިމަންނަމެން މިތިބީ ރައީސް (ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު) އަޒުލު ކުރާށޭ. ބޭނުން ކަމެއް ކޮށްދޭނަމޭ," ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީން ޤައުމާއި ރައްޔިތުންނަށް ހެޔޮ ނޭދޭނެ ކަމަށެވެ. އަދި އެ ޕާޓީއަކީ ޤާނޫނަކަށް ޤަވާއިދަކަށް ބަލާނެ ޕާޓީއެއް ނޫން ކަމަށެވެ. ސިޔާސީ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް އެމްޑީޕީން ކޮށްފާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ ވެރިކަމަށް އެންމެ ދެތީން މަސް ދުވަސްތެރޭ މެންބަރުންނަށް "ރިޝްވަތު" ދީގެން ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ އެކަމުގެ ހެއްކެއް ކަމުގައި ސަލީމް ވިދާޅުވި އެވެ.

މެންބަރު ސަލީމް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާޢީދުކޮށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު