ENGLISH
17 މާރިޗު 2026
އާއްމު ދަތުރުފަތުރާއި މަސްވެރިންނާއި ފެރީތަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ: އެސްޓީއޯ
17 މާރިޗު 2026
|
އެފްއެސްއެމްގެ ތެޔޮ ޝެޑެއް
އެންމެ މަޤްބޫލު
އާއްމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތްތަކުގެ އިތުރަށް މަސްވެރިންނަށް އެސްޓީއޯއިން ވިއްކަަމުންދާ ތެޔޮ ހެޔޮ އަގުގަައި ލިބެމުންދާނެ ކަމުގައި ޔަގީންކަން އެސްޓީއޯއިން ދީފިއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ނިންމި ނަމަވެސް ހާލަތަށް ރިއާޔަތްކޮށް ތެލުގެ އަގަށް ބަދަލުތަކެއް ނުގެނައުމަށް ނިންމާފައިވެއެވެ.
އެސްޓީއޯގެ މީޑިޔާ އޮފިޝަލަކު "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ފަހިހަކަތަ" ޕްރޮގުރާމުގެ ދަށުން، ސަބްސިޑީ ދީގެން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުން އައި އައުން މެދުނުކެނޑި ތެޔޮ ލިބޭނެ ކަމަށެވެ.
އޭގެ އިތުރަށް އެސްޓީއޯއިން ބުނެފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކަމުން އައި އަގަށް އަދި އަތޮޅުތަކުގައި އެސްޓީއޯއިން ހިނގަމުންދާ ތެޔޮ ޝެޑްތަކުން ތެޔޮ ފޯރުކޮށްދޭ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަަށެވެ.
އާއްމުންނަށް މާލީ ގޮތުން އިތުރު ތަކުލީފުތަކެއް އުފުލަންނުޖެހޭނެކަން ކަށަވަރުކުރުމުގެ ގޮތުން ޕެޓްްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކާ ވިދިގެން އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލު ވިއްކާ އަގަށް ގެނައި ބަދަލުތަކަށްފަހު މިހާތަށް ތެލާއި ޑީސަލުގެ އަގަށް އިތުރު ބަދަލެއް ނުގެންނަކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރައްޔިތުންނަށް ތެޔޮ ލިބޭ އަގު ހެޔޮކުރުމުގެ ގޮތުން އެސްޓޯއީގެ ޑިވިޑެންޑުން ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވޭ މިންވަރު ބޭނުންކޮށްގެން ތެލުގެ އަގުހެޔޮކުރުމަށް މަސައްކަތްކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އޭގެ އިތުރަށް ތެލުގެ އަގުން ބޮޑުވާ ބައި ހެޔޮކުރުމަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.