ENGLISH

16 މާރިޗު 2026

Advertisement

ރައީސް، ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ވަޑައިގެންފި

16 މާރިޗު 2026

|

ޢަލީ ޝަހީމް

19 ފެބްރުވަރީ 2026، ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ މާފަންނު ހުޅަނގަށް ވަޑައިގެންނެވުން. މިއަދު ވެސް އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ހަރަކާތުގައި މާފަންނު ހުޅަނގަށް ވަޑައިގެންފަ. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދަވާ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ، ދޮރުން ދޮރަށް ހަރަކާތްތައް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ވެސް މާފަންނު ހުޅަނގަށެވެ. އޭގެފަހުން މާލެ ސަރަޙައްދުގެ ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ ދާއިރާތައް ވެސް ހިމެނޭހެންނެވެ. 

މިއަދުގެ ދޮރުން ދޮރަށް ހަރަކާތް ފެށުމުގެ ކުރިން، މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އިބްރާހީމް އަބޫބަކުރު މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެންޑިޑޭޓް މުޙައްމަދު އަރީޝްއަށް ތާއިދުކުރާކަން ހާމަކޮށްފައިވެއެވެ. 

މިހާރު ވެސް ސިޓީ ކައުންސިލުގައި މެންބަރުކަން ކުރައްވާ އިބްރާހީމް އަބޫބަކުރު، މިހާރުގެ ސިޓީ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެކު އެ ސަރަޙައްދުގައި ހުންނަވައިގެން މީޑިއާތައް މެދުވެރިކޮށެވެ. އިބްރާހީމް އަބޫބަކުރުގެ މި ނިންމެވުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ނިންމެވުމަށް ޝުކުރުއަދާކުރައްވައިފައެވެ. 

މިއަދުގެ ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންފައިވެއެވެ. އަދި، ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ މެންބަރުން ބައިވެރިވެފައިވެއެވެ. 

މި ހަރަކާތުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ އާއިލާތަކުގެ ހާލުބައްލަވާފައެވެ. އަދި، ބައެއް އާއްމު ރައްޔިތުން މަގުމަތިން އެމަނިކުފާނާ ބައްދަލުކޮށްފައިވެއެވެ. 

ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު