ENGLISH

16 މާރިޗު 2026

Advertisement

ދައުލަތުގެ މީޑިއާއިން ރައްޔިތުންނަށްދޭ ޚިދުމަތްތަކަށް އެމްޑީޕީން ހުރަސްއަޅައިފި

16 މާރިޗު 2026

|

ޢަލީ ޝަހީމް

ޕީއެސްއެމްގެ ޚިދުމަތްތަކަށް އެމްޑީޕީގެ މެންބަރުން ހުރަސްއެޅުން. ޕީއެސްއެމްއިން ވަނީ އެ ކުންފުނީގެ ޚިދުމަތްތަކަށް ހުރަސް ނޭޅުމަށް އިލްތިމާސްކޮށްފަ. ފޮޓޯ: އެމްޑީޕީ

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ދެމުންދާ ޚިދުމަތްތަކަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން މިއަދު ހުރަސްއަޅައިފިއެވެ. 

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި މެންބަރުން ހިމެނޭ ގްރޫޕަކުން މިއަދު ޕީއެސްއެމްއަށް ވަދެ، އެތަނުގެ ޚިދުމަތްތައް ނުދެވޭ ގޮތަށް ހުރަސްއަޅާފައިވަނީ، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ޕީއެސްއެމްއިން ހަމަހަމަ ފުރުޞަތުތަކެއް ނުދޭކަމަށް ބުނެއެވެ. 

މި އަމަލުތަކާ ގުޅިގެން ޕީއެސްއެމްއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، އެމްޑީޕީގެ ފަރާތުން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް މިއަދު 1:00 ގައި ވަޑައިގަންނަވާނެކަމަށް ރޭ ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް މެނޭޖިން ޑިރެކްޓަރ މިވަގުތު ހުންނެވީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައި ކަމަށްވާތީ ކަންބޮޑުވުން އޮތް މައްސަލައިގެ ސާފު ޖަވާބެއް އެމްޑީޕީއަށް ދީފައިވާކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.

އެމްޑީޕީގެ މެންބަރުން ޕީއެސްގައި ހަރަކާތްތެރިވަނީ. ފޮޓޯ: އެމްޑީޕީ

ޕީއެސްއެމްގެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވަނީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއެކު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ، މިފަދަ ކަމެއްގައި ފަންނީ އަދި އިޖުރާއީ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކެއް ކަމަށެވެ. 

ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެ ކުންފުނިން އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށް ކަމަށް ޕީއެސްއެމްގެ ސިޓީގައި ބުނެފައިވެއެވެ.  

ޕީއެސްމްއިން ބުނީ، މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތްތަކަށް އެ ޙައިސިއްޔަތުން ފުރުސަތުދީފައިނުވާނެ ކަމަށެވެ.

"އަދި، ތިޔަ ޕާޓީން މި ރާއްޖޭގެ ވެރިކަން ކުރެއްވިއިރުވެސް، ޕަބްލިކް ސަރވިސް މީޑިއާ މިގޮތުގައި ދެމިއޮތެވެ. އެހެންކަމުން، މި މުއައްސަސާގެ މިނިވަންކަމާއި ގުޅުވާ މި ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ޙަޤީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަމެވެ." - ޕީއެސްއެމްއިން އެމްޑީޕީއަށް ފޮނުވި ޖަވާބު ސިޓީގައި ބުނެފައިވެއެވެ. 

ޕީއެސްއެމްއިން އެގޮތަށް ޖަވާބުދީފައިވަނިކޮށް، މިނިވަން ދައުލަތުގެ މީޑިއާގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއަޅާ މިއަދު އެމްޑީޕީން ކުރިއަށްގެންދާ ކަންކަން ހުއްޓާލުމަށް ޕީއެސްއެމްއިން އިލްތިމާސްކޮށްފައިވެއެވެ. 

އެމްޑީޕީން މި އަމަލު ޕީއެސްއެމްއާ ދެކޮޅަށް ހިންގިއިރު، މާޒީގައި ފެންނަން އޮތީ ދައުލަތުގެ މީޑިއާގެ ބާރުވެރިކަން އަތުލައި އެމްޑީޕީން ވަކި އެޖެންޑާއެއް ޕްރޮމޯޓްކުރަން މަސައްކަތްކުރިތަނެވެ. ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ވަކި ޕާޓީއެއް ޕްރޮމޯޓްކުރަން ފެށީ 2008 ވަނަ އަހަރު ފެށުނު އެމްޑީޕީގެ ވެރިކަމާ ހިސާބުންނެވެ.

އޭރު އެމްޑީޕީގެ ވެރިކަމުގައި ވަކި އެޖެންޑާއަކަށް ތާއިދުކޮށް މިނިވަން ނޫސްވެރިކަމުގެ ސިފަ ގެއްލުވާލިއިރު، އެ ވެރިކަން އަތުން ދޫވުމުން 2012 ވަނަ އަހަރު ޕީއެސްއެމްގެ ޑިޖިޓަލް އާކައިވްވެސް އެމްޑީޕީން ފުހެލިއެވެ. 

އެމްޑީޕީގެ ވެރިކަން 2018 ވަނަ އަހަރު ފެށުމާއެކު ވެސް ފެނުނީ ހަމަ އެ މަންޒަރެވެ. އެ ދައުރުގެ ތެރޭގައި ކުރިއަށްދިޔަ އިންތިޚާބުތަކުގައި ވެސް ވަކިބައެއްގެ މަސްލަޙަތު އެކުލެވޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެމްޑީޕީން ދިޔައީ ނުފޫޒުފޯރުވަމުންނެވެ.

މިއަދު، އެމްޑީޕީގެ އެކްޓިވިސްޓުން ދައުލަތުގެ މީޑިއާއަށް ވަދެ އެތަނުގެ ޚިދުމަތްތައް ނުދެވޭގޮތަށް ޢަމަލުތައް ބެހެއްޓުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޕާޓީއަށް ވަނީ އަމާޒުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު