ENGLISH
16 މާރިޗު 2026
ބުޅާތަކަށް ހާނީއްކަކުރުން އިތުރު، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
16 މާރިޗު 2026
|
ބުޅަލަށް އިހާނެތިކޮށް ހިތާނަމަ ޤާނޫނީ ފިޔަވަޅު އަޅާނެ --
އެންމެ މަޤްބޫލު
މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާއި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާ އެފަދަ ކަންކަން ނުކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިލްތިމާސް ކޮށްފި އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
ދާދިފަހުން ތަޞްދީޤުކުރި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު"ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް މިހާރު ވަނީ ޤާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައި ކަމަށާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ މި ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މިނިސްޓްރީން ބުނީ މި ޙައްޤުތަކަކީ މިހާރު ޤާނޫނީ ގޮތުން ރައްކާތެރިކަން ދީފައިވާ ކަންކަން ކަމަށާ އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ޤާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ޤާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށެވެ.
މީގެއިތުރުން، ޤާނޫނުގެ 80 ވަނަ މާއްދާ ކަމުގައިވާ "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މި މާއްދާގެ ދަށުން ޚާއްސަ އުސޫލުތަކެއް ވަނީ ތަރުތީބު ކޮށްފައި ކަމަށެވެ.
* ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެކެވެ.
* ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެކެވެ.
* މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
* މި މާއްދާގެ (ށ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ޖަނަވާރުންނަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަން ކަމާއި އިސްލާމްދީނުގައި ހުރިހާ ދިރޭ ތަކެއްޗަށް ރަޙުމްކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ. ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާޢީ ޒިންމާއެއް ކަމަށާ ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޛުކުރުމާއި، އެތަކެތީގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.