ENGLISH

16 މާރިޗު 2026

Advertisement

އިބްރާހީމްގެ ތާއީދު އަރީޝްއަށް، ރައީސްގެ ޝުކުރު

16 މާރިޗު 2026

|

އަޙުމަދު ޙަމީދު

އިބްރާހިމްގެ ނިންމެވުން ހާމަކުރައްވަނީ --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރުގެ ތާއީދު އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާ މުޙައްމަދު ޢަރީޝްއަށް އޮތްކަން ހާމަކޮށްފި އެވެ.

އެކަން އޭނާ ހާމަކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގަ އެވެ. ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ހުންނަވާ އިބްރާހިމް ވިދާޅުވީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ނަމަވެސް އެ ނިންމެވުން މިހާރު ބަދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް އެ ދާއިރާގެ ކައުންސިލަރެވެ.

އަރީޝް އަކީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރެވެ. އޭނާ އަކީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެ އެވެ.

ރައީސްގެ ޝުކުރު އިބްރާހިމް އަށް

އިބްރާހިމް އަބޫބަކުރުގެ އެ ނިންމެވުން ހާމަކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއީ ޕާޓީއަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އިބްރާހިމާއި އަރީޝް އަކީ ވެސް އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު އދި މިހާރުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދެވި ދެ ކައުންސިލަރުން ކަމަށެވެ.

އަދި ޑެޕިއުޓީ މޭޔަރަށް ތާޢީދު ކުރައްވަން ނިންމެވީތީ ރައީސް ވަނީ އިބްރާހިމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު