ENGLISH
15 މާރިޗު 2026
ގޭސް ސްޓޮކް އެބަހުރި، ތެލާއި ގޭހަށް ދައްޗެއް ނުވާނެ: ޒަމީރު
15 މާރިޗު 2026
|
މާލީ ވަޒީރު މޫސާ ޒަމީރު --
އެންމެ މަޤްބޫލު
ރާއްޖޭގައި ގޭސް ސްޓޮކް އެބަހުރި ކަމަށާ ތެލާއި ގޭހަށް ދައްޗެއް ނުވާނެ ކަމުގެ ޔަޤީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެވެ.
އެމަނިކުފާނު އެ ޔަޤީންކަން ދެއްވީ މިއަދު އެމްއެމްޓީވީއަށް ދެއްވި ޚާއްސަ ތަސްދީޤަތުމެއްގަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ހުޅުމާލެ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން އަސާސީ ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އަސާސީ ބާވަތްތައް ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ކަމާގުޅޭ ވަޒީރުންގެ ކޮމެޓީން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހަމަޖެއްސުން ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަރަށް ބޮޑުވެފައިވީނަމަވެސް ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ރައީސް އަންގަވާފައިވާ ގޮތަށް ކަންކަން އިންތިޒާމު ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވީނަމަވެސް ރާާއްޖޭގައި ތެލުގެ މިންވަރު 30 އިންސައްތަ ވެސް އަދި ނުއުފުލޭ ކަމަށެވެ.
އަދި ގޭސް ވެސް ދަތިނުވެ ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
"ގޭސް އަބަދުވެސް ރާއްޖޭގައި ހުންނަ ވަރަށް މިހާރުވެސް ސްޓޮކް އެބަހުރި. އަދި ބަނދަރުގައި މިހާރުވެސް ގޭސް ވިއްކާ ކުންފުނީގެ ޓޭކަރެއް އެބައޮތް. އެހެންވީމަ ދަތިތަކެއް ނެތި އަޅުގަނޑުމެންނަށް ގޭސް ލިބޭނެ އިރާދަކުރެއްވިއްޔާ. އަދި ތެޔޮ ހިފައިން މިހާރުވެސް އެސްޓީއޯގެ އަމިއްލަ ދެ ބޯޓް ރާއްޖެއާ ދިމާއަށް އެބަ ދަތުރުކުރޭ," ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް މިވަގުތުވެސް ކާޑުވެސް އެބަހުރި ކަމަށާ އެކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ވަނީ ޚަރަދު ކުޑަކުުރުމަށް އެކި ފިޔަވަޅުތައް އަޅުއްވަމުންނެވެ.