ENGLISH
15 މާރިޗު 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރަން ހަވާލުކޮށްފި، ހިތްގައިމު ޒަމާނީ އިމާރާތަކަށް ވާނެ
15 މާރިޗު 2026
|
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް --
އެންމެ މަޤްބޫލު
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢު ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު އޮތް ޙަފްލާއެއްގައި މި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.
ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނި ގޮތުގައި އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 126,359,594.94 އަށެވެ. މި މަޝްރޫޢު ނިންމަން އޮތީ 600 ދުވަސް ތެރޭގަ އެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމެންޓާއި ޕާކިން ހެދުމެވެ. މި އިމާރާތުގެ ގްރަންޑް ފްލޯގައި މަސް މާރުކޭޓެއް ތަރައްޤީ ކުރާނެ އެވެ. އަދި ދެވަނަ ފްލޯ އާއި ތިންވަަ ފްލޯގައި ތަރުކާރީ މާރުކޭޓެކެވެ.
ހަތަރުވަނަ ފްލޯ ޚާއްސަ ކުރާނީ ފުޑް ކޯޓްތަކަށެވެ. މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން އެ ފްލޯގައި ހަތަރު ފުޑް ކޯޓް ތަރައްޤީ ކުރާނެ އެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރާނީ މިހާރުގެ ދަތުރުވެރީންގެ މާރުކޭޓް ހުރި ބިމުގަ އެވެ. އެ އިމާރާތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުންތައް ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ އިމާރާތާއެކު މާލޭގެ މަލަމައްޗަށް ބޮޑު ފުރިހަމަ ކަމެއް އަންނާނެ އެވެ. މިއީ ރީތި ޑިޒައިނަކަށް އިމާރާތް ކުރެވޭ ޒަމާނީ ކޮމްޕްލެކްސް އެކެވެ.