ENGLISH
15 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާހު ގެންނާނީ ރައްޔިތުން އެދޭ ގޮތަށް، އެމްޑީޕީ ރުއްސާކަށް ނޫން: ޝުޖާއު
15 މާރިޗު 2026
|
ކޮންގްރެސް ޕާޓީއެއްގެ ޖަލްސާއެއްގައި މެންބަރު ޝުޖާއު ވާހަކަދައްކަވަނީ. ޤާނޫނުއަސާސީއަށް ބަދަލުތަން ގެންނާނީ އެމްޑީޕީ ރުއްސަން ނޫންކަމަށް ވިދާޅުވި. ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މި ސަރުކާރުން ޤާނޫނުއަސާސީއަށް ބަދަލުގެންނާނީ، އެހިނދަކު ޤައުމަށް ލާބައާއި މަންފާ ލިބޭ ކޮންމެ ބަދަލެއް ގެނައުމަށް ކަމަށާއި، އެއީ އިދިކޮޅު އެމްޑީޕީ ރުއްސަން ކުރާކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ އުތުރު ދޮރުން ދޮރަށް ހަރަކާތުގައި "އެމްއެމް" ޓީވީއަށް ދެއްވި އިންޓަވިއުގައި ޝުޖާއު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ޚާއްޞަ ވަގުތުތަކެއް ކަނޑައެޅިފައި ނޯންނަ ކަމަށެވެ. އަދި، ޤާނޫނަކަށް ބަދަލު ގެނައުމާއި، އާ ޤާނޫނެއް އުފަންކުރަންޖެހޭނީވެސް ވަކި ވަގުތެއްގައި ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތިން އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މިއަދު ހާމަކުރެއްވުމާ ގުޅިގެންނެވެ. އެ ބަދަލުތަކަކީ؛
1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާން ރައްޔިތުން ބޭނުންނުވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި، އެ ޝަކުވާ ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ވެސް ގެންގޮސްފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް 19 ވަަނަ މަޖިލީހުގައި މަސައްކަތްކުރުމުން، އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެމައްސަލަ ބޭރުކޮށްލީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެމްޑީޕީ ރުއްސަން. އެމްޑީޕީ އެދޭ ގޮތަކަށް. އެމްޑީޕީ ބޭނުންވާ ތާރީޚެއްގައި ޤާނޫނުއަސާސީ ހުޅުވާ ޤާނޫނު ބަދަލުކުރާ ގޮތަށް އޮތްްކަމެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުންނަށް ލާބަޔާ މަންފާ ކުރަނިވި ކޮންމެ ޤާނޫނަކަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް، ގެންނަންޖެހޭ ކޮންމެ ވަގުތަކު ގެންނަން އަޅުގަނޑުމެން މިތިބީ އަޒުމުކަނޑައަޅައިގެން" - ބާރަށު ދާއިރާގެ މެންބަރު ޝުޖާއު
ޝުޖާއު ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސް ހިނގާ ގޮތް އެމްޑީޕީއަށް ނޭނގޭ ކަމަށެވެ. މިހާރު ވެސް ގެންނަ ބަދަލުތަކަކީ މީގެކުރިން އެމްޑީޕީން ގެންނަން ބޭނުންވި ބަދަލުތައް ކަމަށާއި، އެކަމަކު މިހާރު އެކަމަށް އެމްޑީޕީން އިދިކޮޅު ހަދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ރައްޔިތުންގެ މަސްލަހަތާ ގުޅޭ އެއްވެސް ވޯޓަކަށް މަޖިލީހުގައި ވޯޓުދިން ޕާޓީއެއް ނޫން ކަމަށާއި، އެމްޑީޕީ ވެރިކަމުން ފޭބިއިރު ގައުމު އޮތީ "ކައި ހުސްކޮށްފައި" ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުން އެދޭގޮތަށް ގެނެސްދެެއްވާނެކަމަށާއި، އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެ ޒިންމާ އަދާކުރައްވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.