ENGLISH
15 މާރިޗު 2026
ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ޙައްލުކުރަން މުހިންމު ތިން އިސްލާހެއް މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަނާއިބު
15 މާރިޗު 2026
|
ބަންޑާރަނައިބު އަހްމަދު އުޝާމް، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތިން އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީގައި މައްސަތަކެއް އެބަހުރި ކަމަށާއި، އެކަންކަން އިޞްލާޙުކުރަން ޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީގަތެއް ކަމަށެވެ.
ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާނެ ތިން އިސްލާހުވެސް އުޝާމްގެ ވަނީ ހާމަކުރައްވާފަ އެވެ.
1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
މި އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ބަޔަކު ސުވާލުކުރާތީ ބަންޑާރަ ބާއިބު ވިދާޅުވީ އެ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.
"ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، މި އިޞްލާޙަކީ، އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނުއަސާސީއިން ލާޒިމްކުރާ އިޞްލާޙެއް. އަދި ޤާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ އެއަށް ޢަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ އިޞްލާޙުތަކެއް ނޫން," ބަންޑާރަ ނާއިބު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ. މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ ކައުންސިލް އިންތިޚާބާއެކު މިވޯޓު ބޭއްވުމުން އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށެވެ.
ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާ މިހާރު ހިނގަމުންދަނީ އެ މަސައްކަތުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް ވެސް ބަންޑާރަ ނާއިބު ވަނީ ވިދާޅުވެފަ އެވެ.