ENGLISH
15 މާރިޗު 2026
އެމްޑީޕީގެ މޭޔަރުން ތިއްބަވާ ކައުންސިލުތަކުން ބޮޑެތި މައްސަލަތައް ފާހަގަވޭ: ފަލާހު
15 މާރިޗު 2026
|
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އަދި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަަވާ މޭޔަރުން ތިއްބަވާ ސިޓީ ކައުންސިލުތަކުން ބޮޑެތި މައްސަލަަތައް ފާހަގަވެފައިވާކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ހއ.ހޯރަފުށީ ދާއިރާގެ ތަރާވީހުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނާ ގާތުން ހިދުމަތް ދީ ސަރުކާރު ބޭނުންވާ ދުވެލީގައި ސިޓީތަކާއި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެންމެ ބޮޑަށް ބޭނުންވަނީ ލޯކަލް ކައުންސިލުތައް ކަމަށެވެ. އަދި ކައުންސިލުތައް ވާންވާނީ ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ އިދާރާތަކަށް ކަމުގައި ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ހިދުމަތްކުރުމުގެ ފުރުސަތު ކައުންސިލަރުންނަށް ލިބުމުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އެ ކައުންސިލަރުންގެ އަމިއްލަ ތަނަވަސްކަން އިތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކެއް ކަމުގައި ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންގެ ގޮތުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ތިއްބެވިއިރު، އަދި ގިނަ ކައުންސިލުތަކުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތްއިރު، ފާއިތުވި މުއްދަތުގައި އެ ކައުންސިލުތަކުގެ ތެރޭގައި ބޮޑެތި ގޯސްތަައް ހިނގާފައި ހުރިކަން ފާހަގަވެފައިވާ ކަމެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައިވެސް އެ މައްސަލަތައް ފާހަގަކުރެވި އިދާރާތަކަށް ހުށަހެޅިފައިވާ ކަމަށެވެ.
"މިވަގުތު ރާއްޖޭގެ ސިޓީތަކަށް ބައްލަވައިފިނަމަ ހުރިހާ ސިޓީއެއްގެ މޭޔަރުންނަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން. ވަރަށް ގިނަ ސިޓީތަކުގެ އެ މޭޔަރުންގެ، އެ މޭޔަރުން ނިސްބަތްވާ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުގެ ވަރަށް ގިނަ މައްސަލަތައް، ކޮރަޕްޝަނުގެ މައްސަލަތައް ދިޔައީ އެމްޑީޕީ ވެރިކަން އޮތްއިރުވެސް ދިޔައީ ބަލަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވަރަށް ބިރުގަންނަ ފަދަ މައްސަލަތައް އޭގެ ތެރޭގައި ހިމެނޭ،" ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑަރުންނަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ރަށްރަށުގެ ކުރިއެރުމަށް ހުރަސްއަޅުއްވައި، ރާއްޖޭގެ އިސްލާމީ ސަގާފަތާ ދުރު ވިސްނުންތަކެއް އަބަދުވެސް ގެންގުޅެމުންދާ ބައެއް ކަމުގައި ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ މެދުގައި އޮންނަ ހަ މަސްދުވަހުގެ މުހުލަތުގައި ވެރިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުއްވާކަމަށް އޮންނަ ޝަކުވާއަށް ހައްލެއް ލިބުމެވެ.
"ހަގީގަތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަރަށް ބޮޑަށް ވަގުތުނުވާނެ ކަމެއް. އެހެންވީމާ ވަރަށް ބޮޑަށް ރައްޔިތުން ބޭނުންވާ ގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެންބަރުން އިންތިހާބުކުރެވޭނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ދެ އިންތިހާބުގެ ދެމެދުގައި އޮންނަ ހަ މަސްދުވަހަކީ އަލަށް ހޮވޭ ސަރުކާރުގެ އެހެނިހެން މަސައްކަތްތައް ފަސްކުރުމަށްފަހު އިންތިހާބަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން މަސައްކަތްކުރާ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތަކީ ގައުމީ ތަރައްގީގައި ގެއްލިގެންދާ މުއްދަތެއްގެ ގޮތުގައި ސިފަކުރައްވަމުން ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެ މުއްދަތަކީވެސް ތަރައްގީގެ މަސައްކަތްތަކަށް ސަމާލުކަންދެވޭނެ ދުވަސްތަކަކަށް ބަދަލުވާނެ ކަމަށެވެ.