ENGLISH

14 މާރިޗު 2026

Advertisement

ސުއޫދަށް ދިޔާނާގެ ރައްދު؛ ނަތީޖާ ނެރެވޭ މަޖިލީހެއް ލިބުމަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަގުފަހިވާނެ

13 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ރައްދުދެއްވައި، ނަތީޖާ ނެރެވޭ ރައްޔިތުންގެ މަޖިލީހެއް ހޯދުމުގެ ފުރުސަތު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ބޮޑުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެއްޖެއެވެ. 

އެކްސްގަައި ދިޔާނާ ޝާއިއުކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ސުއޫދު ދެއްކެވި ހުއްޖަތަކީ ގަބޫލުކުރެއްވޭ ވާހަކަފުޅެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީކުރެވޭ ފަދަ ނަތީޖާ ނެރެވޭ މަޖިލީހެއް ލިބިގަތުމަކީ މިހާރު މި ގައުމަށް އޮތް އެންމެ މުހިއްމު މަސައްކަތް ކަމަށް ދިޔާނާ ވިދާޅުވިއެވެ. 

އަދި ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތަކުގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވި ކަންކަން ހަގީގަތަކަށް ނުވެ އޮތް މައިގަނޑު ސަބަބަކީ ނަތީޖާ ނެރެވޭ ހަރުދަނާ ރައްޔިތުންގެ މަޖިލީހެއް ނެތުންކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ މިހާރު މި އަމަލުކުރަމުންދާ ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ މެދުގައި ހަ މަސްދުވަހުގެ ވަގުތެއް ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް މަޖިލިސް އިންތިހާބަކުން ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބިފައި ނެތް ކަމަށެވެ. 

ދިޔާނާ ވިދާޅުވި ގޮތުގައި ފާއިތުވި 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު ވަކި ދެ ތާރީހެއްގައި މި ދެ އިންތިހާބު ބޭއްވުމުގެ ނިޒާމު ނުވަތަ ސްޓެގާޑް އިލެކްޝަންސްގެ ނިޒާމަކީ ރާއްޖޭގެ ސިޔާގުގައި ފެއިލްވެފައިވާ ނިޒާމެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.‌

އޭނާ ވިދާޅުވީ އެ ނަތީޖާއަށް ރިއާޔަތްކުރާއިރު އެކަން އިސްލާހުކުރުމަށްޓަކައި ލިބެންހުރި ހުރިހާ ހިޔާރތަކެއް ބެލުމަކީ މިހާރު ލާޒިމުވާ ކަމެއް ކަމަށެވެ. އެމަގުން އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަކީ ތަޖުރިބާކުރަން ޖެހިފައިވާ ކަމެއް ކަމުގައި ދިޔާނާ ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތައް ބޭއްވުމަށް ހިނގާ އިދާރީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވި، ދައުލަތުވެ ވަސީލަތްތައް އިންތިހާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތުވެސް ކުޑަވާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު