ENGLISH

13 މާރިޗު 2026

Advertisement

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ފަސް މީހަކު ނިޔާވުން: ތަޙުޤީޤު ކުރިއަށް، ޓީމެއް ދިގުރަށުގައި

13 މާރިޗު 2026

|

އަޙުމަދު ޙަމީދު

އަލިފާން ރޯވެފައި

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބަޔަކު ނިޔާވި ހާދިސާއާ ގުޅިގެން ތަހުޤީޤު ކުރިއަށްދާ ކަމަށާ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ  ކަމަަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރެނު ބަޔާނެއްގައި ބުނީ ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު، މާރިޗު 12 ވަނަ ދުވަހުގެ ރޭ 01:57 ހާއިރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ކަމަށާ މި ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.

އަދި ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނު ކަމަށާ ހާލު ދެރަ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުންނެވެ.

އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 02:30 އެހައިކަންހާއިރު އެވެ.

ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް މައްސަލައިގެ ތަހުގީގު ފަށައި މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ވަނީ ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.















ކިޔުންތެރިންގެ ހިޔާލު