ENGLISH

13 މާރިޗު 2026

Advertisement

ރައީސް ޑރ. މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

12 މާރިޗު 2026

|

ޢަލީ ޝަހީމް

ވޭމަންޑޫގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ. 

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިރޭ "އެކްސް" ގައި ކުރެއްވި ފޮޓޯ ޕޯސްޓެއްގައެވެ. 

ވޭމަންޑޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެ ދަތުރުފުޅުގައި ބޭއްވެވި ރަސްމިއްޔާތުގައި، ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާ އެވެ. 

އާބާދީގައި 1270 މީހުން ދިރިއުޅޭ ވޭމަންޑޫގެ ބިން ހިއްކައި ނިމުމާއެކު، އެރަށުން ގޯތި ދޭނެ އިތުރު ޖާގަ ތަނަވަސްވެގެންދާނެއެވެ. އަދި، އެރަށުގެ އިޤްތިޞާދީ އިތުރު މަސައްކަތްތަކަށް ފުރުޞަތު ފަހިވެގެންދާނެއެވެ. 

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެމްޓީސީސީއާ އެ މަސައްކަތް ޙަވާލުކުރީ 270 ދުވަހުން ނިންމަން 113.19 މިލިއަން ރުފިޔާއަށެވެ. 

"އާދެ، މި ރަށަކީ މިއީ މި އަތޮޅުގެ ވެރިކަންކުރާ ރަށް. މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ރަށަށް ބިން އިތުރުވެގެންދިޔުން. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އެކަމަށް ރައްޔިތުންނަށް ވަޢުދުވިން. މިރޭ މި ސޮއިކުރި އެއްބަސްވުމުގެ ދަށުން، 25 ހެކްޓަރުގެ ބިން މި ރަށަށް އިތުރުކުރެވިގެންދާނެ. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީގޮތުން ފެށި، އެއްވެސް ހުއްޓުމެއް ނައިސް ގޮސް ނިމިގެންދާނެ. އާދެ، މި ތިން މަޝްރޫޢުގެ އިތުރުންވެސް، ގިނަ ކަންތައްތަކެއް މި ރަށުގައި ކުރަން އެބަހުރި." - 24 ސެޕްޓެމްބަރ 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން

ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ވެސް މި ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. 

ވޭމަންޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން، ވޭމަންޑޫ އާއި ކިނބިދޫއާ ދޭތެރޭ ގުޅާލުމަށް ކޯޒްވޭއެއް އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު