ENGLISH
12 ޖޫން 2026
ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފްލައިޓްތައް އިތުރުކޮށްފިން، ކުރު މުއްދަތުގައި ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު: ވަޒީރު އަމީން
12 މާރިޗު 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވާހަކަދައްކަވަނީ
އެންމެ މަޤްބޫލު
ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ކަމަށާއި، އެކަމަށް ހައްލެއް ގެނައުމަށް ކުރު މުއްދަތުގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި، ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވަނީ މައިގަނޑު ތިން ކަމެއްގެ ތަފްސީލް ދެއްވާފައެވެ.
ވަޒީރު ހާމަކުރެއްވީ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ތަފްސީލާއި، ރާއްޖޭގައި ނުފުރި ތިބި ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވާލުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުއްލިއަކަށް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގެއްލުމަށް ސަރުކާރުން މިހާތަނަށް އެޅުއްވި ފިޔަވަޅުތަކުގެ ތަފްޞީލެވެ.
އަމީން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ދުވާލަކު 60 ފްލައިޓް އަންނަން އޮތް ދުވަސްވަރެއް ކަމަށެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ބަންދުކުރުމާއި، ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުތަކުން ކޮންމެ ދުވަހަކު ރާއްޖެ އަންނަން އޮތް 18 ވަރަކަށް ފްލައިޓް ކޮންމެ ދުވަހަކު ކެންސަލްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޙަޤީގަތަކީ އެއީކަމަށް ވިދާޅުވި، އަމީން ފާހަގަކުރެއްވީ މި ބަދަލާ އެކު ކޮންމެ ދުވަހަކު 2800 ނުވަތަ 3000 ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްނުކުރެެވޭ ކަމަށެވެ.
އެ ފްލައިޓްތަކުން އަންނަނީ ހަމައެކަނި ފަތުރުވެރިން ނޫންކަމަށާއި، މެދުއިރުމަތިން ކާގޯގެ ގިނަ ޝިޕްމަންޓްތަކެއް އަންނައިރު، ފްލައިޓްތައް ކެންސަލްވާތީ އެކަމަށް ވެސް ބުރޫ އަރާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ފެބްރުވަރީ 28 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކާ އެކު، ރާއްޖޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ތާށިވިއެވެ. އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާތަނަށް 8 ގައުމަކަށް 23 ފްލައިޓް އޮޕަރޭޓްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ތިބި ފަތުރުވެރިންނަށް، މާބޮޑު ދަތިތަކެއް ނެތި ކަންކަން ފަހިކުރެވިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރު މުއްދަތުގައި ފަތުރުވެރިކަމަށް ދިމާވި "ޝޯޓްފްލޯ" ކުޑަކުރުމަށް ކުރެވިގެންދިޔަ މަސައްކަތުގެ ތަފްސީލް ވެސް ވަޒީރު ހިއްސާކުރެއްވިއެވެ.
އަމީން ވިދާޅުވީ، ރާއްޖެއަށް 14 ފްލައިޓެއް މިދިޔަ މުއްދަތުގައި އިތުރުކުރުމާއެކު 2000 ވަރަކަށް ޖާގަ އިތުރުވެގެން ދިޔަ ކަމަށެވެ.
"އަދި އެއަރ އިންޑިއާގެ ފްލައިޓް ވެސް އަޅުގަނޑުމެން ޑަބަލް ޑެއިލީ ކުރެވުނު، ކުރެވުނު މަސައްކަތުން. މިހާރު އެއަރ އިންޑިއާ އެކީ ގުޅިގެން ސަރުކާރުން ކުރެވުނު މަސައްކަތުން ހަމަޖެހިއްޖެ. އެއީ ޔޫރަޕާއި ޔޫއެސްއިން އަންނަ ކަނެކްޝަންސް ގެނައުމަށްޓަކައި. އިއްތިހާދު ވެސް މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން ޑަބަލް ޑެއިލީ އޮޕަރޭޓްކުރަން ފަށާނެ. އަދި އެއަރ އޭޝިއާއާ އެކީގައި ކުރެވުނު މަސައްކަތުން، އެއަރ އޭޝިއާގެ މިތަނަށް އަންނަ އޭ320 ނެރޯ ބޮޑީ އެއަރކްރާފްޓެއްގެ ބަދަލުގައި ވައިޑްބޮޑީ އެއަރ ކްރާފްޓެއް ފޮނުވުމުގެ މަސައްކަތް ވެސް އެބަކުރައްވާ. އެވެސް ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އޮތީ" ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިދުވަސްވަރު ފްލައިޓްތައް މަދުވިނަމަވެސް، ކުރިއާ އަޅާބަލާއިރު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވެފައިވާ ކަމަށެވެ. އަދި، މޯލްޑިވިއަންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަންގްލަދޭޝްއަށް މީގެކުރިން ކުރަމުން އައި ދަތުރުތައް މިހާރު އަލުން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.