ENGLISH
12 ޖޫން 2026
ސަޢުދީގައި ތާށިވި 50 ޢުމްރާވެރީން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ
12 މާރިޗު 2026
|
މިއަދުގެ ބައްދަލްވުމުގައި ވަޒީރު ޝަހީމް ވާހަކަ ދައްކަވަނީ --
އެންމެ މަޤްބޫލު
ސަޢުދީ އަރަބިއްޔާ ގައި ތާށިވި 50 ޢުމްރާވެރީން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖެއިން ޢުމްރާގެ އަޅުކަމަށް ގޮސް ތިބި ހުރިހާ އެންމެންގެ ޙާލު ރަނގަޅު ކަމަށެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ޢުމްރާވެރީން ފުރާން ހަމަޖެއްސި ފްލައިޓްތައް ވެސް ފަސްކުރި އެވެ. ޢުމްރާގެ އަޅުކަމަށް ފަހު ސަޢުދީން ރާއްޖެ އައުމަށް ވެސް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެގޮތުން ސަޢުދީން ރާއްޖެ އަންނަން ދަތިވެފައިވާ 50 ޢުމްރާވެރިއަކު ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. އެ މީހުންނަށް ރާއްޖެ އާދެވޭ ގޮތް ނުވީ ދަތުރުކުރަން އޮތް ފްލައިޓް ކެންސަލް ވުމާއި ގުޅިގެންނެވެ. އެ މީހުން ގެނައުމަށް ހައްޖު ކޯޕަރޭޝަނާއި ވުޒާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާ އެ މީހުން ރާއްްޖެ ގެނެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޙައްޖުގެ އަޅުކަމަށްދާ ދިވެހީންނަށް އެއްވެސް ދައްޗެއް ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.