ENGLISH
12 މާރިޗު 2026
ރާއްޖޭގެ ފަތުރުވެރިކަމުގެ 30 އިންސައްތަ އެއާލައިން ނިސްބަތްވަނީ މެދުއިރުމައްޗަށް، ގޮންޖެހުން ހައްލުކުރަން ގިނަ މަސައްކަތްތަކެއް
12 މާރިޗު 2026
|
ހަމަލަތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި ހާއްސަ ފިޔަވަޅުތައް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިގު ވާހަކަދައްވަނީ
އެންމެ މަޤްބޫލު
ރާއްޖޭ ޒިޔާރަތްކުރާ ފަތުރުވެރިން ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން، 30 އިންސައްތަ އެއާލައިން ނިސްބަތްވަނީ މިހާރު ހަނގުރާމައިގެ ހަމަނުޖެހުން އޮތް މެދުއިރުމައްޗަށް ކަމަށާއި، އެކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު އިބްރާހީމް ޠާރިގު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ކޮމިޓީން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ އެންމެ ފުރަތަމަ ހަމަލާތައް ދޭން ފެށީ އީރާނަށެވެ. އެ ހަމަލާތައް އަމާޒުކުރަން ފެށީ ފެބްރުވަރީ 28 ވަނަ ދުވަހު އެވެ. އޭގެފަހުން އީރާނުން ވެސް އަންނަނީ މެދުއިރުމަތީގެ ގައުމުތައް ހިމެނޭހެން ހަމަލާތައް ދެމުންނެވެ.
ވަޒީރު ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހާއި ފެބްރުވަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ކަމަށެވެ. އެގޮތުން ޖަނަވަރީ މަހު 5 އިންސައްތަ އަދި ފެބްރުވަރީ މަހު 17.6 އިންސައްތަ އިތުރުވިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ އެއާލައިން މެދުއިރުމައްޗަށް ނިސްބަތްވާއިރު، މިހާރު އޮތް ފަތުރުވެރިންގެ ކެޕޭސިޓީ 31 އިންސައްތަށް ދަށްވެގެންގޮސްފައިވާ ކަމަށެވެ.
އެ ގޮންޖެހުމަށް ހައްލު ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ އެހެނިހެން މުހިއްމު އިދާރާތަކާއެކު މަސައްކަތްތައް ކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭން ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމާއި، މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ފްރީކުއެންސީ އިތުރުކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ފަތުރުވެރިން ގިނައިން އަންނަ ގައުމުތަކުން ފަތުރުވެރިން އިތުރަށް ގެނެވޭނެ ގޮތްތައް ހޯދުމުގެ އިތުރުން، ބައެއް ގައުމުތަކުގެ ސަރުކާރުތަކާ ވެސް މަޝްވަރާކުރެވެމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޓާކިން އެއާލައިންގެ ޚިދުމަތް ފުޅާކުރުމަށް ތުުރުކީ ސަރުކާރާ އެކު މަޝްވަރާ ކުރައްވާކަމަށް ހާމަކުރެއްވިއެވެ.
ވަޒީރު ޠާރިގު އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މި މަހާއި އަންނަ މަހަށް ރިސޯޓުތަކަށް ހަދާފައިވާ ބުކިންތަކުގެ ކެންސަލޭޝަންތައް އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، އޭ ތާރީޚަށް ފަހު އެފަދަ ކެންސަލޭޝަންތައް މަދުނުވާކަން މިހާތަނަށް ފާހަގަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހާލަތު މެދުވެރިވުމުން އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގައި ތިބި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޠާރިޤު ވިދާޅުވިއެވެ. އެގޮތުން މިދިޔަ މުއްދަތުގައި، އެހީތެރިކަން ބޭނުންވި 1885 ފަތުރުވެރިންނަށް އެހީ ފޯރުކޮށްދީފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ޚިދުމަތް ފުޅާކުރުމަށް ހޮޓްލައިނެއް ތައާރަފްކޮށް ގާތުން ބަލަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ކޮންމެ ހާލަތެއްގައި ރާއްޖޭން ނަމޫނާ ދައްކާފައިވާ ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.