ENGLISH

12 މާރިޗު 2026

Advertisement

އެމްޑީޕީ ކައުންސިލު އިންތިޚާބު ދޫކޮށްލައިފި، ރިފަރެންޑަމާ ހިފަނީ ސިޔާސީ ގޮތުން އިތުރު ކަމެއް ނެތީމަ: ޝިޔާމު

12 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު

އިދިކޮޅު އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބަށް ކެމްޕެއިން ކުރުން ހުއްޓާލައި، އެ އިންތިޚާބު ދޫކޮށްލައިފި ކަމަށާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މައްސަލަ ނަގައިގެން ކުރާ މަސައްކަތަކީ ސިޔާސީ ގޮތުން ކުރި ހޯދޭނެ އިތުރު މަގެއް ނެތިވުމުން ކުރާ ސިޔާސީ މަސައްކަތެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ހުޅުމާލޭ މެދު ދާއިރާގައި ކޮންގްރެސް ޕާޓީން މިއަދު ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ޝިޔާމު ވިދާޅުވީ އެމްޑީޕީން އަދި ސިޔާސީ އެކި ޖަޒުބާތުތަކުގައި ޖެހިވަޑައިގެން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ދައްކާ ވާހަކަތަކަކީ ގާނޫނީ ގޮތުން އަދި މަންތިގީ ގޮތުންވެސް ބުރަދަންހުރި ވާހަކަތަކެއް ނޫން ކަމަށެވެ. 

ޝިޔާމު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލުއ އިންތިހާބު ބޯމަތިވެގެން އައިއިރު އެ އިންތިހާބަށް އިދިކޮޅު އެމްޑީޕީ ތައްޔާރުވެފައި އޮތް މިންވަރު ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ. މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންތިހާބުގެ ކެމްޕެއިނަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް އެމްޑީޕީއަށް ކުރެވިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެކި ހިސާބުތަކުގައި ކުރިމަތިލައްވައިގެން ތިއްބެވި އެމްޑީޕީގެ ކެންޑިޑޭޓުން އެބޭފުޅުންގެ ގުރޫޕުތަކުގައި އެ ޝަކުވާތައް އެބަކުރައްވާ، އެމްޑީޕީގެ މައި އޮފީހުން އެއްވެސް މިންވަރަކަށް އެ ބޭފުޅުންނާ އަޅަައިނުލާ ވާހަކަ އިނގޭތޯ. އެހެންވީމާ ސިޔާސީ ގޮތުން މި ބޭފުޅުންނަށް ފެނުނީ މިއީއޭ ރަށްރަށަށް ނުގޮސް ނުވަތަ ހަރަދުނުކޮށް މިވަގުތު މާލޭގައި ތިބެގެން ކުރެވޭނެ ކަމަކީ މިއީ ކަމަށް ބަލައިގެން، މިކަމާ ދުރުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ގެންނަވައިގެން މި މަސައްކތްކުރައްވަނީ،" ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ އެމްޑީޕީއާއެކު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވާހަކަދައްކަވަމުންދާ ބޭފުޅުންނަށްވެސް މިއަަދު އެ ބޭފުޅުން މިކަމާމެދު ދައްކަވަމުންދާ ވާހަކަފުޅުތަކަކީ ސައްހަ ރަނގަޅު ވާހަކަފުޅުތަކެއް ނޫންކަން އެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ ކަމަަށެވެ. 

އަދި ހާއްސަ މަޖިލީހުގައި އައު ގާނޫނުއަސާސީ އެކުލަވައިލުމުގައި މަސައްކަތްކުރެއްވި ވަރަށް ގިނަ ބޭފުޅުން ނުކުމެވަޑައިގެން އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ މަންފާތައް ވިދާޅުވެދެއްވަމުންދާއިރު، އޭގެ ތެރޭގައި މުހައްމަދު ޝިހާބު ފަދައިން ފެށުނީއްސުރެ އެމްޑީޕީގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާކަން ޝިޔާމު ފާހަގަކުރެއްވިއެވެ. 

ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް އެކަށީގެންވާ މުހުލަތެއް ނެތްކަމަަށް އިދިކޮޅު އެމްޑީޕީން ބުނަމުންދާ ވާހަކައަށްވެސް ޝިޔާމު ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ މިޒަަމާނުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ފަހިވެފައިވާ މިންވަރަށް ބަލާއިރު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް މުއްދަތެއް ނެތްކަމަށް ބުނާ ވާހަކައަކީ ބުރަދަނެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު