ENGLISH

12 މާރިޗު 2026

Advertisement

އެމްޑީޕީގެ އިތުބާރު ގެއްލިއްޖެ، ކައުންސިލުތަކުގެ ބޮޑު އަޣުލަބިއްޔަތު ސަރުކާރަށް ލިބޭނެ: ޖާބިރު

12 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުއިއްޒުގެ އަރިހުގައި ޖާބިރު، ފޮޓޯ: ޕީއެންސީ

އިދިކޮޅު އެމްޑީޕީއަށް އިތުބާރު ގެއްލުމުގެ ސަބަބުން އެ ޕާޓީގެ ސައިޒު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކައުންސިލުތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކުރާނެކަމަށް ކާށިދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. 

ކައުންސިލު އިންތިހާބުގެ ކެމްޕެއިނުގައި ކޮންގްރެސް ޕާޓީން ހުޅުމާލޭ މެދު ދާއިރާގަައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ޖާބިރު ވިދާޅުވީ ސަރުކާރު ނީސްތައްޓަށް އަރުވައިލުމަށް ކައުންސިލުތައް ބޭނުންނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރު ނީސްތައްޓަށް އަރުވައިލުމުގެ ވާހަކަ ފަދަ ޣައިރު ޒިންމާދާރު ވާހަކަތަކަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އިދިކޮޅު ޕާޓީއަކުން ދައްކައިގެންވާނެ ވާހަކަތަކެއްވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

ކުރީގައި އެމްޑީޕީއަކީ ވަރަށް ވަރުގަދައަށް ހަރަކާތްތެރިވި ޕާޓީއެއް ނަމަވެސް މިއަދު އެ ޕާޓީގައި އެފަދަ ރޫހެއް ޖޯޝެއް ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެރޫހު ގެއްލުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނަށްވީ ވައުދުތަކާ އެއްގޮތަށް އެ ޕާޓީއަށް މަސައްކަތްނުކުރެވި، ކޮށްދޭން ބުނި އެއްވެސް ކަމެއް ނުކުރެވި ފެއިލްވުމެވެ. 

އަދި މިހާރު މަސްްރަހު އޮތް ގޮތަށް ބައްލަވައި، ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރަށް ވަރަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ނީސްތައްޓަށް އަރުވައިލުމުގެ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ނުލިބޭ ވަރުގެ ނަތީޖާއެއް އިންތިހާބުގައި ނުކުންނާނެ ކަމަށެވެ. 

"މިފަހަރު ލޯކަލް ގަވަނެންސް އަދި ކައުންސިލު އިންތިހާބު ވަރަށް ތަފާތު ނަތީޖާއެއް ނިކުންނާނޭ. އެ ނިކުންނަ ނަތީޖާއަކީ ސަރުކާރު ނީސްތައްޓަށް އެރުވުންކަހަލަ ވާހަކަވެސް ދެން ނުދެއްކޭ ވަރުގެ ނަތީޖާއަކަށްވާނެ ކަމަށޭ އަޅުގަނޑު މިބަލަނީ.،" ޖާބިރު ވިދާޅުވިއެވެ.

އަދި އެމްޑީޕީ ބަލިކަށިވަމުންދަނީ ސަރުކާރަށް އޮންނަ ތާއީދު އިތުރުވަމުންދާތީކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ހުރިހާ ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ކަމަށެވެ. އަދި ޕީއެންސީގެ ހަރަކާތަކީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރާނެ ހަރަކާތެއްކަމަށް ގަބޫލުކުރައްވާތީ ވީހާވެސް ގިނަ ޒުވާނުން އެ ހަރަކާތާ ގުޅުމަށްްވެސް ޖާބިރު ގޮވައިލެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު