ENGLISH
12 މާރިޗު 2026
ގައުމީ އެއާލައިނުން ބަންގްލަދޭޝަށް ކުރަމުންއައި ދަތުރުތައް އަލުން ފަށައިފި
12 މާރިޗު 2026
|
ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގުލަދޭޝުގެ ވެރިރަށް ދާކާއާއި މާލެއާ ދެމެދުގައި ކުރަމުން އައި ދަތުރުތައް މެދުކެނޑުމަށްފަހު އަލުން ފަށައިފިއެވެ.
މޯލްޑިވިއަނުން ބަންގުލަދޭޝަށް ކުރަމުންއައި ދަތުރުތައް މެދުކަނޑައިލީ 2024 ވަނަ އަހަރު އެ ގައުމުގައި ފެށި ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ހިނގި ހަމަަނުޖެހުންތަކާއެކު އެ ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާ ގުޅިގެން އެ އަހަރުގެ އޯގަސްޓު މަހުއެވެ. އޭގެ ފަހުން ގައުމީ އެއާލައިނުން އެ ގައުމަށް ދަތުރުނުކުރެއެވެ.
ނަމަވެސް މޯލްޑިވިއަންއިން އިއުލާނުކުރި ގޮތުގައި އެ އެއާލައިނުން އަލުން ބަންގުލަދޭޝަށް މި ރޯދަމަހަށްފަހު ދަތުރުކުރަން ފަށާނެއެވެ. މި ދަތުރުތައް ރާވާފައިވަނީ ކޮންމެ ހަފުތާއެއްގެ އާދީއްދަ ދުވަހާއި ބުރާސްފަތި ދުވަހު ދަތުރު އޮންނަ ގޮތަށެވެ. އަދި ދަތުރުތައް ތާވަލުކޮށްފައިވަނީ ފަތިހު ދާކާ އެއާޕޯޓަށް ވާސިލުވެވޭ ގޮތަށްކަމުން، ދާކާއިން އެހެން ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކެނެކްޓިން ފުލައިޓު ހޯދުމަށް ފަސޭހަވާނެއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އަލުން މި ދަތުރުތައް ފެށީ ބަންގުލަދޭޝަށް ކުރާ ދަތުރުތަކަށް ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝް މީހުންގެ ފަރާތުން އޮތް ބޮޑު ޑިމާންޑަށް ބެލުމަށްފަހު، ދެ ގައުމުގެ މެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައެވެ.
މި ދަތުރުތައް ފަށާ ދުވަސްވަރަކީ ރޯދަމަސް ނިންމައި އީދު ބަންދު ފެށޭ ދުވަސްވަރެއްކަމަށްވާތީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި، ޗުއްޓީއަށް ރާއްޖެއިން ބަންގުލަދޭޝަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމުގައި މޯލްޑިވިއަންއިން ބުނެފައިވެއެވެ.
މި ދަތުރުތަކުގެ އަގަށް ބަލާއިރު ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. ކޮންމެ ފަސިންޖަރަކަށް ޗެކް ލަގޭޖް އެލަވެންސްގެ ގޮތުގައި 30 ކިލޯ ލިބޭނެ ކަމުގައި ގައުމީ އެއާލައިނުން ބުންޏެވެ.