ENGLISH

12 މާރިޗު 2026

Advertisement

ކޮންގްރެސްގެ ކެނޑިޑޭޓުންނަކީ ހިދުމަތުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ހިދުމަތްކުރައްވާނެ ބޭފުޅުން: ޑރ.ހަލީލު

12 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލު، ފޮޓޯ: ޕީއެންސީ

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރެއްވުމަށް ނެރެފައިވާ ކެންޑިޑޭޓުންނަކީ ހިދުމަތްކުރެއްވުމުގެ ފަސްމަންޒަރާއެކު ނިކުމެވަޑައިގެން ތިއްބެވި ރައްޔިތުންނާ ގާތުން ހިދުމަތްކުރައްވާނެ ބޭފުޅުންކަމަށް ފޮރީން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ. 

ކޮންގްރެސް ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހުޅުމާލޭ މެދު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު އެ މަގާމަށް ނުކުމެވަޑައިގަތީ ގައުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު އަަދި ދައުލަތުުގެ އެންމެ މަތީ ފަންތީގެ މަގާމުތަކެއް އަދާކުރެއްވުމަށްފަހު ރައްޔިތުންނާ ގާތުން ހިދުމަތްކުރެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ. 

"މިއަދު މާލޭ ރައްޔިތުން ކުރިމައްޗަށް ނުކުމެވަޑައިގެން (މޫސާ އަލީ ޖަލީލު) ވިދާޅުވަނީ ތިމަންނަ އަދި ބޭނުމޭ ތިޔަ ރައްޔިތުންނާ ގާތުން ހިދުމަތްކޮށްލަަން، ތިޔަ ރައްޔިތުންނާއެކީ މަސައްކަތްކޮށްލަން ބޭނުމޭ. އެހެން ވިދާޅުވެ ނުކުމެވަޑައިގެން އެމަނިކުފާނު މަސައްކަތްކުރައްވަމުން އެގެންދަވަނީ،" މޫސާ އަލީ ޖަލީލު މޭޔަރުކަމަށް ކުރިމަތިލެއްވި ސަބަބު ބަޔާންކޮށްދެއްވަމުން ވަޒީރު ވިދާޅުވިއެވެ. 

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާނަކީ ހިދުމަތުގެ ނާރެހެއްކަން ފާހަގަކުރައްވަމުން ޑރ.ހަލީލު ވިދާޅުވީ އަލައިކާ ފަދަ ކަނބަލުންނަކީ ސިޔާސީ ވިސްނުންފުޅާއެކުމެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ކެތްމަދުވެފައި ތިއްބެވި ބޭފުޅުންތަކެއް ކަމަށެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުޅުމާލޭ މެދު ދާއިރާއަށް ކުރިމަތިލައްވާފައި ހުންނެވި އާޝި މުހައްމަދަކީ ހިންގުމުގެ ތަޖުރިބާހުރި، ސަރުކާރުގެ އެކި ފަންތީގައި މަސައްކަަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ޑރ.ހަލީލު ވިދާޅުވީ ކެތްތެރިކަމާއެކު ރައްޔިތުންނާ ކުރިމަތިލައްވަައި މުއާމަލާތްކުރެއްވުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުންނާނެ ކަމަށެވެ. 

އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމު ކަމުގައިވާ "ހާލު ކިހިނެއް" ޕްރޮގުރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި އެކި އުމުރުފުރައިގެ އެކި ގިންތީގެ ރައްޔިތުންގެ ހާލަތު ބެއްލެވުމުގައި އިސްދައުރެއް އާޝި އަދާކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އަދި ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރުކަމަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓަކީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ތަރުތީބުކުރައްވައި ހިންގެވުމުގައި އެޗްޑީސީގައި މުހިއްމު މަސައްކަތްތަކެއް ކުރައްވައި ވަރަށް ރަނގަޅަށް ހުޅުމާލެ ދަސްކުރައްވާފައި ހުންނެވި ބޭފުޅެއްކަމަށްވެސް ޑރ.ހަލީލު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ހުޅުމާލެއަށް ހުޅުމާލޭގެ ވަރަށް ގިނަ ކަންކަން ހަމައަކަށް އެޅުވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ސަނީހަކީ. ހާއްސަކޮށް މުނިސިޕަލް ހިދުމަތްތައް މިތަނުގައި ރޭވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ސަނީހު.،" ވަޒީރު ވިދާޅުވިއެވެ. 

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ ހިދުމަތުގެ ތަޖުރިބާއަށް އަލިއަޅުވައިލެއްވުމަށްފަހު ވަޒީރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަކީ، ހިދުމަތްތެރި، ރައްޔިތުންނާ ގާތުން މަސައްކަތްކުރަން އެނގިވަޑައިގަންނަވާ، ރައްޔިތުންނާއެކު އުޅުއްވަން އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. 

"ތަނެއްގައި ތިބި ސިޔާސީ މީހުންތަކެއް ނެރެލުމުގެ ބޭނުމުގައި ނޫން އަޅުގަނޑުމެން މިކަންކުރީ. ރައީސުލްޖުމްހޫރިއްޔާގެ މުޅި ވިސްނުންފުޅު އެނބުރެނީ ހިދުމަތުގެ ވަށައިގެން، އެހެންވެގެން މިފަދަަ ތަޖުރިބާކާރު ބޭފުޅުން ނެރުއްވައިގެން ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ކަންކަން ބައްޓަންކުރެއްވުމަށްޓަކައި ރެއާއި ދުވާލު އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ،" ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު