ENGLISH

12 މާރިޗު 2026

Advertisement

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކުރަން ފަށައިފި

12 މާރިޗު 2026

|

އައިމިނަތު ޝަފާ

ބޭސް ފިހާރައެއް. ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކުރަން ފަށައިފިކަމަށް ވަޒީރު ވަނީ ވިދާޅުވެފައި.

ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މެދުކެނޑުމެއް ނެތި ރަށްފުށަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެންމެ މުހިންމު އެއް ކަަމަކީ ބޭހުގައި އޮންނަ ދެ ލިސްޓް ކަމަށްވާ ޒަރޫރީ ބޭހުގެ ލިސްޓާއި ހުއްދަ ދޭ ބޭހުގެ ލިސްޓަށް ބަލައިގެން ބޭސް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެރަށެއްގެ ހެލްތް ފެސިލިޓީތަކަށް ރިއާޔަތްކޮށް އެ ރަށަކަށް ބޭނުންވާ ހުރިހާ ބޭހެއް ރަށުގައި ހުރިކަން ޔަގީން ކުރުން އެއްކަމެއް ގޮތުގައި ކުރާ ކަމަށާއި، ހުއްދަ ދީފައިވާ ބޭހުގެ ލިސްޓަށް އިސްކަމެއް ދޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"މި ސަޕްލައި ހަރުދަނާ ކުރުމާއި ނިޒާމު ވަރުގަދަ ކުރުމަށް މި ސަރުކާރުން މި ފަހަކަަށް ގެންނެވި އެންމެ ބޮޑު ކަމަކީ ސީދާ މިކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާނެ ކުންފުންޏެއް އުފެއްދުން، މިހާރު ކުންފުނީގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ، އެ ކުންފުނިން މިހާރު ބޭސް އެތެރެ ކުރުމުގެ މަސައްކަތް ފައްޓަވައިފި." - ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމު އިބްރާހީމް

ހިދުމަތް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ ބޭސް ކުންފުންޏާއި ސްރީލަންކާގެ ބޭސް ކުންފުނި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ވެސް މިހާރު ބަލަމުން އަންނަކަމަށް ނާޒިމު ވިދާޅުވި އެވެ. 

ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީވެސް މި ކުންފުނީގެ މަސައްކަތެކެވެ. 

ރާއްޖޭގައި ބޭސް ލިބުން ދަތިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީގެ ކުރިން އެސްޓީއޯއިން އެތެރެކުރަމުން ދިޔަ 200 އެއްހާ ބޭހުގެ ބަދަލުގައި، މިހާރު 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ބޭސް އެތެރެކުރާ މިންވަރު އިތުރުކޮށްފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. 

ކިޔުންތެރިންގެ ހިޔާލު