ENGLISH
12 މާރިޗު 2026
ރޯދައަށްފަހު އައްޑޫ މަރުކަޒީ އިންޖީނުގޭގެ މަސައްކަތް ފެށޭނެ
12 މާރިޗު 2026
|
އައްޑޫ މަރުކަޒީ އިންޖީނުގެ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
އެންމެ މަޤްބޫލު
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އައްޑޫގައި ގާއިމުކުރާ މަރުކަޒީ އިންޖީނުގެ (ސެންޓްރަލް ޕަވަރ ސްޓޭޝަން)ގެ އަމަލީ މަސައްކަތް އަންނަ ރަމަޟާން މަހަށްފަހު ފެށިގެންދާނެ ކަމުގައި ފެނަކައިން ބުނެފިއެވެ.
ފެނަކައިންވަނީ މި މަޝްރޫއަށް ބޭނުންވާ އިންޖީނުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ޑެފިނިޓް ސޮލިއުޝަންސް ކިޔާ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި ކުންފުންޏަކީ އިންގީނު އުފެއްދުމުގައި ތަޖުރިބާކާރު ބެލްޖިއަމް ކުންފުންޏެއް ކަމުގައިވާ އެންގްލޯ ބެލްޖިއަން ކޯޕަރޭޝަންގެ ދިވެހިރާއްޖޭގެ އެޖެންޓެވެ. އެހެންކަމުން އައްޑޫ މަރުކަޒީ އިންޖީނުގެއަށް ބޭނުންވާ ހުރިހާ ޖަނަރޭޓަރެއް ފޯރުކޮށްދޭނީ އެންގްލޯ ބެލްޖިއަން ކޯޕަރޭޝަނުންނެވެ.
އެކުންފުނިން ބުނެފައިވަނީ ފަސް 8DL36 ޖެނެރޭޓަރު ސެޓު ފެނަކައަށް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އެޖެންޓު ޑެފިނިޓް ސޮލިއުޝަންސްއާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ފަސް ޖަނަރޭޓަރުން ޖުމްލަ 26 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ. އަދި މިއީ އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގެ ގާއިމުކުރުމުގެ މަސައްކަތަށް އެހީވެދޭ އެއްބަސްވުމެއް ކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ އެ މަޝްރޫއުގެ އިދާރީ މަސައްކަަތްތައް ފެށިގެން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އަދި ނަޖާހު ވިދާޅުވީ ރަމަޟާން މަސް ނިމުމާއެކު އައްޑޫ މަރުކަޒީ އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އަމާޒަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައިލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ މަރުކަަޒީ އިންޖީނުގެއަށް ބޭނުންވާ ޖަނަރޭޓަރު ފޯރުކޮށްދިނުމުގެ އިތުރަށް އެ މަޝްރޫއަށް ބޭނުންވާ އިމާރާތް އަޅައި، ޖަނަރޭޓަރު ސެޓުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ ހުރިހާ މަސައްކަތެއްވެސް ފެނަކައިން ހަވާލުކުރީ ޑެފިނިޓް ސޮލިއުޝަންސްއާއެވެ.