ENGLISH

15 މާރިޗު 2026

Advertisement

އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަށް 51 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

12 މާރިޗު 2026

|

އައިމިނަތު ޝަފާ

އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް 51 މިލިޔަން ރުފިޔާގެ ލޯނު މިހާރު ވަނީ ދޫކުރެވިފައި. ފޮޓޯ؛ މަސްވެރިކަމާ ބެހޭ ވުޒާރާ

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް 51 މިލިއަން ރުފިޔާގެ ލޯނު، މިހާތަނަށް ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ. 

ވުޒާރާއިން ބުނީ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން އެދިފައިވާކަމަށެވެ. އޭގެތެރެއިން އެޕްރޫވްކޮށްފައިވަނީ 45 ފަރާތެއްގެ ހުށަހެޅުންކަމަށް ވުޒާރާއިން ބުނެއެވެ. 

ރައީސް އޮފީހުގައި މާރިޗު ހަތަރު ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހުމަދު ޝިޔާމް ވަނި އޮޑިދޯނި ފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން އައިސް ހޯދަން ކުރާ ހަރަދު ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އައިސް ހޯދުމަށް ރަށްރަށަށް ދުއްވަން ނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށް ކަމަށާ މި ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާއި އެކު މިހާރު ވަނީ އަލުން ހުޅުވާލާފަ އެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު އެއް އަހަރުގެ މުއްދަތަކުން ތިން މަސް ދުވަހަށް ވަނީ ކުޑަ ކޮށްފަ އެވެ. މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެކަމަށް ވުޒާރާ އިން މައުލޫމާތު ދެއެވެ. 

ވުޒާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ މަސްވެރިއަކު އެ ލޯނަށް ޝަރުތު ހަމަނުވާނެ ކަމަށެވެ. މި ލުއިތަކާއި އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު