ENGLISH

12 މާރިޗު 2026

Advertisement

ކުރިއަށްނުގޮސް ހުއްޓިފައި އޮތް ކުޅުދުއްފުށީ 400 ހައުސިން ޔުނިޓުގެ މަސައްކަތް އަލުން ފަށައިފި

12 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓުގެ މަސައްކަތްކުރާ ސަރަހައްދު، ފޮޓޯ: މުހައްމަދު ހަސަން، ކުޅުދުއްފުށި

ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު ނުފެށި އޮތް ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ގާބިލު ކުންފުންޏަކާ ހަވާލުކޮށް އަލުން ފަށައިފިއެވެ. 

2023 ވަނަ އަހަރު މި މަޝްރޫއު ހަވާލުކުރީ  ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. މި ކުންފުންޏަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ދޮންބެ)ގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކާ އެއިރުގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހަވާލުކުރިއެވެ. 

މި މަޝްރޫއާ ގުޅޭ ގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ އެ މަޝްރޫއު ހިންގުމަށް މޯބަލައިޒްކުރުމަށް ދޫކުރަންޖެހޭ ފައިސާ ސަރުކާރުން އެ ކުންފުންޏަށް ދޫކުރި ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރިއަށްނުގެންގޮސް ހުއްޓާލާފައިވާ ކަމަށެވެ‌. 

މި މަސައްކަތް ފަހުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ދަށަށް ބަދަލުކުރުމުން އެ ކުންފުނިންވަނީ މި މަސައްކަތް ކުރިއަށްގެންދާނެ ކޮންޓްރެކްޓަރުގެ ގޮތުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތާއި، ރިއަލް އެސްޓޭޓު ވިޔަފާރިކުރާ ރެއިންބޯ ހަމަޖައްސާފައެވެ. 

އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި މިހާރު ކުރިއަށްދަނީ މަޑުޖެހިފައި އޮތް މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ ތަކެތި ކުޅުދުއްފުއްޓަށް ގެންގޮސް، އެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ މަސައްކަތެވެ. 

މި މަޝްރޫއުގެ ދަށުން 11 ފަންގިފިލާގެ 12 ޓަވަރު އަޅާނެއެވެ. މިހާތަނަށް ބައެއް ޓަވަރުތަކުގެ ބިންގާ އެޅިފައިވާއިރު، ބައެއް ޓަވަރުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފެށިފައިވެއެވެ. މަސައްކަތް ހުއްޓުނުއިރު ނިންމައިލެވިފައި އޮތީ އެންމެ 18 އިންސައްތަ މަސައްކަތެވެ. 

މި މަޝްރޫއުގެ ދަށުން އޅާ 400 ހައުސިން ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކެކެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 443.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ލަފާކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު