ENGLISH
12 މާރިޗު 2026
ޑިޖިޓަލް ރާއްޖެއަކަށް ފަސޭހައިން އިތުބާރާއެކު ފައިސާގެ މުއާމަލާތްކުރެވޭ މަންސަތައް މުހިއްމު: އިހުސާން
12 މާރިޗު 2026
|
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ޑިޖިޓަލް ދިވެހިރާއްޖޭގެ ތަސައްވުރު ހަގީގަތަށް ހެދުމުގައި އިތުބާރާއި ފަސޭހަކަމާއެކު ދެފުށްފެންނަ ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ޑިޖިޓަލް މަންސަތަކަކީ ޒަރޫރީ ކަންތައްތަކެއް ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު ކަމުގައިވާ "ސްވައިޕް"ގެ ހިދުމަތް އައްޑޫ ސިޓީއަށް ތައާރަފުކުރުމަށް ރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާނު ވިދާޅުވީ ރައީސްގެ ޑިޖިޓަލް ރާއްޖޭގެ ތަސައްވުރާ އެއްގޮތަށް ގައުމު ބައްޓަންކުރައްވަމުންދާއިރު، ރާއްޖޭގެ އިގުތިސާދުގައި ހުރި ފުރުސަތަތުގައި ހުރިހާ ދިވެހިންނަށް ޝާމިލުވެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަަދި އިގުތިސާދުގައި އެންމެންނަށް ޝާމިލުވެވުމަށް "ސްވައިޕް" ފަދަ މާލީ ނިޒާމުތައް ވުޖޫދުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ފައިސާގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ނިޒާމެއް އޮތުމަކީ، އިގުތިސާދުގެ ތެރޭގައި ފައިސާ ދައުރުކޮށް، މާލީ މުއާމަލާތުތައް ހިންގަމުންދާއިރު، އެކަމަކަށް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އެންމެ ބޮޑަށް ބަލާނެ ރިއާޔަތްކުރާނެ ކަންތައް ކަމަށެވެ. އަދި ސްވައިޕް ނިޒާމު ފަދަ ނިޒާމެއްގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ކުރާއިރު، އެ ފައިސާގެ ރައްކާތެރިކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރުކުރެވޭކަމަށް އިހުސާން ވިދާޅުވިއެވެ.
"ހަމައެއާއެކު އާއްމު ދިރިއުޅުމުގައި އެފިޝިއަންސީއަކީވެސް ވަރަށް މުހިއްމު އެއްޗެއް. ވަގުތުން ވަގުތަށް ތިބި ތަނުގައި ތިބެގެން ޕޭމެންޓު ހެދޭނެ ގޮތް، ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާގެ މުއާމަލާތްކުރެވޭނެ ގޮތް އަދި އަމިއްލަ ވަކިވަކި ފަރުދުންނާއި ވިޔަފާރީގެ ނިޒާމުތަކުގެ މެދުގައި ފައިސާގެ މުއާމަލާތްތަކުން ގުޅިގެންދިއުމަކީ ރާއްޖޭގައި މިހާރު ކުރަމުންދާ ޑިޖިޓަލް މޯލްޑިވްސް ވިޝަންއަށް ކޮންމެހެން މުހިއްމު ކަމެއް،" އިހުސާން ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން މާލީ މުއާމަލާތްތަކުގެ ދެފުށްފެނުމަަކީވެސް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި އިހުސާނު ވިދާޅުވީ ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރޭގައި ދިވެހިން ކުރަމުންދާ މުއާމަލާތްތަކަކީވެސް ބެލޭނެ ކަންކަމަށްވާއިރު، އެ މުއާމަލާތްތަކުގެ ޔަގީންކަމާއި އިތުބާރު އޮތުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި، ބީއެމްއެލްގެ ނިޒާމުގައި އެ ސިފަތައް އޮތުމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އަދި ފަސޭހައިން މާލީ މުއާމަލާތްތައް ހިންގޭނެ ޑިޖިޓަލް މަންސަަތަކެއް ފަހިވުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިއްބައިދީ، ވިޔަފާރިއަށް އަލަށް ވަންނަން ބޭނުންވާ މީހުންނާއި ވިޔަފާރި އިތުރަށް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭނެ ަކމެއް ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލާނަން، އައްޑޫގައި ތިބި ސްމާޓު އަދި މިފަދަ ދާއިރާތަކުން މިވަގުތު މަތީ ތައުލީމު ހާސިލުކޮށްގެން، މިފަދަ ޑިޖިޓަލް ޕްލެޓްފޯމަކަށް ބަލަބަލައި ތިބި ޒުވާނުންނަށް ކުދިންނަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ،" އިހުސާން ވިދާޅުވިއެވެ.
އިހުސާނުވަނީ މިފަދަ މަންސައެއް ގާއިމުކޮށް، ޒަމާނީ ފެންވަރުގެ ރައްކާތެރި އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ބީއެމްއެލްއިން ތައާރަފުކޮށްދީފައިވާތީ އެ ބޭންކުގެ ވެރިންނާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.