ENGLISH

12 މާރިޗު 2026

Advertisement

ރައްޔިތުންނަށް ލާބަވާ މަޝްރޫއުތަކުގައި އުސޫލުތަކުގެ ތެރެއިން އެހީވުމަކީ ބޭންކުގެ ޒިންމާއެއް: ޝަރީފު

12 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު، ފޮޓޯ: ޕީއެސްއެމް

ފަރުދުންނާއި ވިޔަފާރިތައް ހިމެނޭހެން ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ބޭންކިން އުސޫލުތަކުގެ ތެރެއިން ޝާމިލުވެ އެހީތެރިވެދިނުމަކީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްގެ ޒިންމާއެއްކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. 

އައްޑޫ ސިޓީގައި ބީއެމްއެލްގެ ސްވައިޕްގެ ހިދުމަތް ތައާރަފުކުރުމަށް ރޭ ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ގައުމީ ތަރައްގީގައި ހިއްސާވުމަކީ ބޭންކް އޮފް މޯލްޑިވްސް އުފެއްދި މައިގަނޑު އެއް މަގުސަދު ކަމަށެވެ. ބޭންކަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ލާމެހިފައިވާ ބޭންކެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އިގުތިސާދަށް ލޮޅުންތައް އަންނައިރު އެ ލޮޅުންތަކުން ބޭންކަށް އަސަރުކުރާ ފަދައިން އިގުތިސާދަށް ކުރިއެރުމާއި ދިރުން ލިބުމުން އެކަމުގެ މަންފާ ބޭންކަށް ކުރާ ކަމަށެވެ. 

ޝަރީފުވަނީ ފާއިތުވި ދެ އަހަރެއްހައި ދުވަހު ރައީސް ޑރ.މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރާއި ބޭންކު ގުޅިގެން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އެގޮތުން ބޭންކިން ހިދުމަތް ފުޅާކޮށް ހުރިހާ ރައްޔިތުންނަށް ބޭންކުގެ ހިދުމަތަށް ވާސިލުވެވޭކަން ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކޮށް ނިންމައިލެވިފައިވާކަން ފާހަގަކުރެއްވިއެވެ. 

"އެ މަޝްރޫއުން 105 ރަށެއްގެ ރައްޔިތުންނަށް ސީދާ ގޮތުން ފައިދާ ލިބިއްޖެ. ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ފައިސާ އިތުރުވެ، ބީއެމްއެލްގެ މި މަޝްރޫއު މިވަނީ ބައިނަލްއަގުވާމީ މާލީ ދާއިރާތަކުން ފާހަގަކޮށް އެވޯޑުވެސް ދީފައި. އާދެ، ބޭންކަށްވެސް ދިވެހިންނަށްވެސް ލިބުނީ ކާމިޔާބީ އެހެންނޫންތޯ؟،" ޝަރީފު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ރާއްޖޭގެ އިގުތިސާދުގެ މުހިއްމު އެއް ސިނާއަތް ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށްޓަކައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކޮށް ބަންދު ދުވަހެއް ކަމުގައިވީ ނަމަވެސް ފައިސާ ދޫކުރަމުން އަންނަކަން ޝަރީފު ފާހަގަކުރެއްވިއެވެ. އެ ފައިސާ ދޫކުރަނީ ބީއެމްއެލްގެ ފައިސާއިން ނޫންކަމަށާއި، މިފްކޯއަށް ލޯނެއް ދޫކޮށްގެން ކުރަމުންދާ ކަމެއްވެސް ނޫންކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އެ ފައިސާ ދޫކުރަނީ މިފްކޯއަށް ލިބޭ އާމްދަނީގެ ތެރެއިން މަސްވެރިންނަށް ފައިސާ ދޫކުރުމަށް އިސްކަންދީގެން ހަރުދަނާ ނިޒާމެއް ގާއިމުކޮށްގެން ކަމަށެވެ. 

"މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިން ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ގެނެވި، އެމީހުންގެ އެކި ބޭނުންތަކަށް ބީއެމްއެލްއިން މިވަނީ ލޯނު ދޫކުރަން ފަށާފައި. އެތައް އަހަރުތަކެއް ވަންދެން މަސްވެރިން ކުރަމުންއައި އިންތިޒާރަކަށް ނިމުމެއް މިވަނީ ގެނެވިފައި،" ޝަރީފު ވިދާޅުވިއެވެ. 

ރައީސް ޑރ.މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާ ކަމުގައިވާ ބޯހިޔާވަހިކަމުގެ ދާއިރާއިން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 3،200 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެކަމަށް ހާއްސަކޮށް ބީއެމްއެލްއިން އުފެއްދި ސަބްސިޑަަރީ ކުންފުނި މެދުވެރިކޮށް ދޭސީ އަދި ބިދޭސީ ގާބިލު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން މިހާރު ފަށާފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. 

އަދި ބޯހިޔާވަހިކަން ހޯދުމަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ތައާރަފުކުރި ލޯނު ސްކީމުގެ ދަށުން ލޯނުތައް ދޫކުރުމާއި، ގެއެއް ނުވަތަ ފުލެޓެއް ގަންނަން ދޫކުރާ ލޯނުގެ އިކުއިޓީ 20 އިންސައްތައިން ފަސް އިންސައްތައަށް ދަށްކުރުމާއި، އަމިއްލަ ގެދޮރު ބިނާކުރުމަށް އިތުރު ރަހުނެއް ހުށަހަޅަންނުޖެހޭ ގޮތަށް ހެދުމާއި ގެދޮރު ބިނާކޮށް ނިންމުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާ ނުލައި ލޯނު ދޫކުރުމަކީ، ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެކަމުގައި ރައްޔިތުންނަށް ފަސާހަކޮށްދިނުމަށް ބީއެމްްއެލްއިން އަޅާފައިވާ މުހިއްމު ބައެއް ފިޔަވަޅުތައްކަމަށް ޝަރީފު ވިދާޅުވިއެވެ. 

ޑޮލަރުގެ ދަތިކަމަކީ ބީއެމްއެލްއަށް ކުރިމަތިވާ ގޮންޖެހުމެއްކަަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ޑޮލަރުން ބީއެމްއެލްއިން ދެމުންދާ ހިދުމަތްތައް މިއަދު ފުޅާކޮށްފައިވާ ކަމަށެވެ. ސަރުކާރުން ލިބުނު އެހީތެރިކަމާއެކު ބޭންކުގެ ޑޮލަރުގެ ޕޮޒިޝަން ބަދަލުވެ، މިހާރު އާއްމުންނަށް ބޭރުގައި ޑެބިޓު ކާޑުތައް ބޭނުންކުރެވޭ ލިމިޓު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓީޓީ ހެދުމަށް ދެމުންއައި އެހީވެސް އިތުރުކޮށްދީފައިވާއިރު، ނިމުނު އަހަރު ދިވެހިން ކާޑުތަކުން ކުރި ބޭރުގެ މުއާމަލާތްތަކުގެ ޖުމްލަ އަގު 524 މިލިއަން ޑޮލަރަށް އަރާކަމަށާއި، އެއީ ކުރީ އަހަރަށްވުރެ 200 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވީ މިގޮތަށް ބޭންކުން ކުރާ ރަނގަޅު ކަންކަމުގެ ސަބަބުން ސަރުކާރަށް ރީތި ނަން ލިބިދާނެތީ އެކަންކަން ނުކޮށް ފަސްކުރުމަކީ ނުވަތަ ހިފަހެއްޓުމަކީ ހަގީގަތުގައި ބޭންކު ސިޔާސީވުން ކަމަށެވެ. އަދި ބޭންކުގެ ޒިންމާއަކީ ގައުމާއި ރައްޔިތުންނަށް ލާބަވާ ކަންކަން ރަނގަޅަށް ކުރުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު