ENGLISH
12 މާރިޗު 2026
ކުޅުދުއްފުށީ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އައު އިމާރާތް އެޅުން އެމްޓީސީސީއާ ހަވާލުކޮށްފި
12 މާރިޗު 2026
|
ކުޅުދުއްފުށީ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ
އެންމެ މަޤްބޫލު
ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އިސްމާއީލް އަބްދުﷲއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފު އަބްދުއްރަހްމާން ޔޫސުފެވެ.
އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފަރުހަތު މުހައްމަދުގެ އިތުރަށް، ކުޅުދުއްފުށީ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ ބައިވެރިވެވަޑައިގަތެވެ،
މި މަޝްރޫއު ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓާ ތަރައްގީކުރުމަށް އަޅާ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ތަނުގައި މިވަގުތު ހުރި ހޮސްްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި، ސީއެސްއެސްޑީ އަދި އެނޫންވެސް ހިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ ފުރަތަމަ ފިޔަވަހީގައި ކުރާނެ މަސައްކަތެވެ.
ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތްް އެޅުމުގެ މަސައްކަަތް ކުރެވިގެންދާނެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގައި ހުންނަ މައި ސަރަހައްދީ ހޮސްޕިޓަލެވެ. ހދ.އަތޮޅުގެ ރަށްރަށުގެ އިތުރަށް ހއ.އާއި ށ. އަދި ނ.އަތޮޅުންވެސް ބަލިމީހުން ކުޅުދުއްފުށީ ހޮސްްޕިޓަލަށް ދާއިރު، އެ ހޮސްޕިޓާ ޒަމާނީ ފެންވަރަަށް ތަރައްގީކުރައްވައި، ޓާޝަރީ ފެންވަރުގެ ހިދުމަތް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ސިޓީގެ ރައްޔިތުންނަށް 2023 ވަނަ އަހަރު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.