ENGLISH

11 މާރިޗު 2026

Advertisement

އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް: ޝިހާބު

11 މާރިޗު 2026

|

އަޙުމަދު ޙަމީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިހާބު --

އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

ޝިހާބު މި މޭރުމުން ވާހަކަ ދެއްކެވީ "ހޭލުން" ނަމުގައި ގެނެސްދޭ ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި 24 އަހަރަށް ވުރެ ގިނަ މުއްދަތަކަށް މެންބަރުކަން ކުރައްވާފައިވާ ޝިހާބު ވިދާޅުވި ގޮތުުގައި އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ އެއީ ރަނގަޅު ގޮތެއް ނޫނެވެ.

އަދި ވިދާޅުވީ ރާއްޖެފަދަ ޤައުމަަކަށް އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ރަނގަޅު ގޮތް ކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުކަން ކުރައްވާފައިވާ އަދި ރައީސް ނަޝީދާއި ރައީސް ސޯލިޙްގެ ވެރިކަމުގައި އެޑްވަައިޒަރުގެ މަޤާމުވެސް ފުުރުއްވާފައިވާ ޝިހާބު ވިދާޅުވި ގޮތުގައި ކޮންމެ އިންތިޚާބެއް ވަކިވަކީން ބޭއްވުމަކީ ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމެކެވެ.

"މި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެނަަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން," ޝިހާބު ވިދާޅުވި އެެވެ.

ވޯޓްލާން ނިކުންނަ މީހުންގެ އަދަދު ގިނަވާނެ, އިންސާފުވެރި ވާނެ

ޝިހާބު ވިދާޅުވި ގޮތުގައި ހުރިހާ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުޤު އުފެއްދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެކެވެ. ރިޔާސީ އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން މަޖިލީސް އިންތިޚާބަށް ނޯންނަ ކަމަށާ އަދި މަޖިލީސް އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން ކުޑަ ކަމެވެ.

ނަމަވެސް އެއް ދުވަހެއްގައި އިންތިޚާބުތައް ކުރިއަށް ގެންދާނަމަ ގިނަ ރައްޔިތުންގެ ބައިވެރިވުން އިންތިޚާބުތަކުގައި އޮންނާނެ ގޮތް ހެދޭނެ ކަމުގައި ޝިހާބު ވިދާޅުވި އެވެ. ޝިހާބު ވިދާޅުވީ އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ އިންތިޚާބުތަކުގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުގެ މަޖިލީހަށް ވެސް އެންމެ ޤާބިލް ބޭފުޅުން އިންތިޚާބު ކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. 

ދެ އިންތިޚާބަށް ވޯޓްލާން ރައްޔިތުން ނިކުންނައިރު ރައީސަކަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭންގޭނެ ކަމަށާ އެހެން ކަމުން އެއީ ނުފޫޒުތަކަށް އޮތް ފުރުސަތު ވެސް ހަނިވާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހުރިހާ އިންތިޚާބެއް އެއް ދުވަަހެއްގައި ބޭއްވުން. އެކަމަކު މިފަހަރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް ސުވާލަކީ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހާއި އަދި ދެން އަންނާނެ ރިޔާސީ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުމާމެދު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ނިންމުން. އެގޮތުގައި އަޅުގަނޑަށް ބުރަވެވެނީ ދެ އިންތިޚާބު އެއް ދުވަހަކަށް ބަދަލުކޮށްލެވުނީމަ ވަރަށް ބޮޑެތި ފައިދާތަކެއް ޤައުމަށް ލިބިގެންދާނެ ކަމަށް," ޝިހާބު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު