ENGLISH

11 މާރިޗު 2026

Advertisement

މާލެ ނޯތު ހާބަރގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލު ހަރުދަނާ ކޮށްފި

11 މާރިޗު 2026

|

އަޙުމަދު ޙަމީދު

މާލެ ނޯތު ހާބަރ ސަރަޙައްދު ތަރައްޤީ ކޮށްފައި --

މާލެ ނޯތު ހާބަރގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެނެސްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު ބުނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާލެ ނޯތު ހާބަރގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލާ އެކު މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވޭނެ އެވެ.

އަދި ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެ އެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެ އެވެ.

މި ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެކެވެ.

އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުންނެވެ. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ އެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން ތިން ފަހަރުއެވެ. ހަތަރުވަނަ ފަހަރު ކިޔުއިން ކެންސަލްވާނެ އެވެ.

އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް" ނުވަތަ ފަސް ކުރުމެއް ނޯންނާނެ އެވެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރުގެ ވަގުތެކެވެ. މި ވަގުތަށް ކީވޯލް ޗާޖް ހިނގާނެއެ ވެ. އަދި މި ހަތަރު ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެ އެވެ.

އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ ފަސް ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެއެވެ.

މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއްކަން ވެސް އެމްޕީއެލް އިން ވަނީ ހަނދާންކޮށްދީފަ އެެވެ.

ކިޔުންތެރިންގެ ހިޔާލު