ENGLISH
11 މާރިޗު 2026
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އެމްޑީޕީން ދައްކަނީ ދެކޮޅުނުޖެހޭ ދޮގު ވާހަކަަ: ވަހީދު
11 މާރިޗު 2026
|
ވިލިފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އިދިކޮޅު އެމްޑީޕީން ދައްކަމުންދަނީ ދެކޮޅުނުޖެހޭ ދޮގު ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލު އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާގެ ކައުންސިލަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ މެންބަަރުކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ވަހީދު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މެންބަރު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތެއް އޮޅުންފިލުވަން ސުވާލުކުރަން މަސައްކަތްކުރާތީ އެކަމަށްް ހުރަސްއެޅުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއި ވިސްނުމަށް ބަލައިގެން ކަންކަން ކުރުމަކީ އެމްޑީޕީއަށް ތަހައްމަލުކުރަން ފަސޭހަ ކަމެއް ނޫންކަމަށްވެސް މެންބަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދި ކައުންސިލު އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުއިއްޒު މާލޭގެ އެކި ދާއިރާތަކުގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވާ ކޮންމެ ފަހަަރަކުވެސް ރައްޔިތުންގެ ފަރާތުން ފެންނަނީ އެމަނިކުފާނަށް އޮތް ތާއީދާއި ލޯބިކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ރައީސަށް ލިބެމުންދާ ލޯތްބާއި ތާއީދުގެ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ އިހުލާސްތެރި މަސައްކަތްޕުޅުކަމަށް މެންބަރު ވިދާޅުވިއެވެ.
އިހުލާސްތެރިކަމާއެކު ރައީސް ކުރައްވާ މަސައްކަަތްޕުޅުގެ ހަގީގަތް އޮޅޭ ގޮތަށް އިދިކޮޅު އެމްޑީޕީން ބައެއް ަކަންކަން ކުރަމުންދާކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ އެފަދަ ކަންކަމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ކަމެއް ކަމަށެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އެމްޑީޕީން އެގެންގުޅޭ ސިޔާސަތަކީ އެއީ މުޅިން ހަގީގަތާ ހިލާފު، ކުރިން އެ ބޭފުޅުން ނިންމަވާފައި އޮތް ގޮތާއި، ދެއްކެވި ވާހަކަފުޅާވެސް ހިލާފު އެކަމުން ރައްޔިތުންނަށް ލިބިދާނެ ފައިދާއަށް ހުރަސްއެޅުމަށް މަސައްކަތްކުރުން،" މެންބަރު ވިދާޅުވިއެވެ.
މެންބަރުވަނީ ކައުންސިލުތަކަށް ރައީސްގެ ތަސައްވުރު ގަބޫލުކޮށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުގައި އެހީތެރިވާނެ ކައންސިލަރުން އިންތިހާބުކުރުން މުހިއްމުކަން ފާހަގަކުރައްވަމުން، އެނޫން ބަޔަކު ކައުންސިލުތަކަށް ހޮވިއްޖެނަމަ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަސްޖެހި އުދަގޫތަކެއް ކުރިމަތިވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ.
"ހަގީގަތުގައި ކައުންސިލުތަކަށް ހިދުމަތްކުރަން. އެބޭފުޅުން އެ އަންނަނީ ރައްޔިތުންނަށް ހިދުމަތްކުރަން. އަންނައިރު ސަރުކާރަށް ޖެއްސުންކުރާ ބަޔަކު އެނިޔަތުގައި ބަޔަކު އައިސްފިނަމަ އެކަމުގެ ހުރިހާ ގެއްލުމެއްވާނީ ރައްޔިތުންނަށް،" ވަހީދު ވިދާޅުވިއެވެ.
މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީއެއް އަދި ރަށެއްގައި ގިނަގުނަ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ މިކަންކަން މެދުނުކެނޑި ކުރިއަށްގެންދެވި ހަލުއިކޮށް މަސައްކަތް ނިންމައިލެވޭނީ އެކަންކަމުގައި އެއްބާރުލުންދޭނެ ކައުންސިލުތަކެއް އިންތިހާބުކުރެވިގެން ކަމަށެވެ.