ENGLISH

11 މާރިޗު 2026

Advertisement

އެލްޖީއޭގެ ރިޕޯޓުން ތިނަދޫ ކައުންސިލުގެ ބޮޑެތި ގޯސްތައް؛ ސައުދު ވިދާޅުވީ މިންޖުވެވޭނީ ޕީއެންސީއަށް ވޯޓުދީގެން ކަމަށް

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލުގެ ހިންގުމާ ގުޅޭ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީން އެކުލަވައިލި އިކުއިރީ ރިޕޯޓެއްގައި  ބޮޑެތި ގޯސްތަކެއް ކައންސިލުން ހަދާފައި ހުރިކަން ފާހަގަކުރުމާ ގުޅިގެން އެ ކަމުން ސިޓީއަށް ލިބުނު ބަދުނާމުން މިންޖުވެވޭނެ ހަމައެކަނި ގޮތަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުންކަމަށް ތިނަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ. 

ސައުދުﷲ މިފަދައިން ވިދާޅުވީ ތިނަދޫ ކައންސިލުގެ ހިންގުމާ ގުޅޭ ގޮތުން އެލްޖީއޭއިން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައި ފާހަަގަކުރި މައިގަނޑު ކަންބޮޑުވުންތައް ރައްޔިތުންނާ ހިއްސާކުރައްވައި، ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. 

ތިނަދޫ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. އަދި އެ ސިޓީގެ މިހާރުގެ މޭޔަރަކީވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. 2021 ވަނަ އަހަރު އޮތް ރިޔާަސީ އިންތިހާބުގައި ތިނަދޫއަށް އިންތިހާބުކުރީ ރަށު ކައުންސިލެކެވެ. ނަމަވެސް އެ ކައުންސިލުގެ ދައުރުގެ މެދު ތެރެއިން ކުރީގެ އެމްޑީޕީ ސަރުކާރުގައި ތިނަދޫއަކީ ސިޓީއެއްކަމަށް ކަނޑައެޅުމާއެކު ރަށު ކައުންސިލު ސިޓީ ކައުންސިލަށް ބަދަލުވެ، ރަށު ކައުންސިލުގެ ރައީސް ސިޓީގެ މޭޔަރަށް ވެވަޑައިގަތީއެވެ. 

ސައުދު ޕޯސްޓުގައި ހިއްސާކުރެއްވި އެލްޖީއޭގެ ރިޕޯޓަކީ އެލްޖީއޭއަށް ހުށަހެޅިފައިވާ ތިނަދޫ ސިޓީ ކައުންސިލާ ގުޅުންހުރި 19 މައްސަލއެއް ބެލުމަށްފަހު އެ އިދާރާއިން އެކުލަވައިލި ރިޕޯޓެކެވެ. އެ މައްސަލަތަކާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސްދުވަހަށް ސަސްޕެންޑުކުރިއިރު ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސްދުވަހަށް ސަސްޕެންޑުކުރިއެވެ. 

ރިޕޯޓުގައި ފާހަގަކުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ރަށްވެހިކަން ބަދަލުކުރުމަށް ފީއެއް ނަގައިގެން ނުވާނެކަމަށް ކައުންސިލުތަކަށް އެލްޖީއޭއިން އިރުޝާދު ދީފައިވަނިކޮށް، ގަވާއިދާ ހިލާފަށް ރަށްވެހިކަން ބަދަލުކުރުމުގެ ފީއެއްގެ ގޮތުގައި މީހުން އަތުން 5،000 ރުފިޔާ ތިނަދޫ ކައުންސިލުން ނަގަމުންދިއުމާއި، މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރުމާއި، ފިނޭންސް މިނިސްޓްރީން ހުއްދަ ނުހޯދައި ބިޑް ކޮމިޓީތަކުގެ މެންބަރުންނަށް އެލަވެންސްތަކެއް ދިނުން ހިމެނެއެވެ. 

އޭގެ އިތުރަށް، ސަރުކާރުގެ އިދާރާތަކާއި އަތޮޅު ކައުންސިލުން ބޭނުންވާ ލިޔެކިޔުން ދިނުމަށް އިންކާރުކޮށް ދެކޮޅުހެދުމާއި، އިއުލާނުކުރުމެއްނެތި ވޭޖް އުސޫލުން މުވައްޒަފުން ނެގުމާއި، ވަކި ފަރާތަކަށް މަންފާވާގޮތަށް ލޯންޗެއް ގަތުމާއި، އިދާރީ މުވައްޒަފުންނަށް ވަކި ގޮތްގޮތަށް ކަންކަން ކުރަން މަޖުބޫރުކުރުވުމާއި، ސިޓީ ކައުންސިލު ރަސްމީކޮށް ވުޖޫދުނުވަނީސް މޭޔަރު އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ އެއިރު ރަށު ކައުންސިލު ރައީސް އަދި ނައިބުރައީސްގެ މަގާމުގައި ތިއްބަވައިގެން ނެންގެވުމަކީވެސް އެލްޖީއޭއިން ފާހަގަކުރި މައްސަލަތަކެވެ. 

މި މައްސަލަތަކަށް އިޝާރާތްކުރައްވައި ސައުދުﷲ ވިދާޅުވީ މި ކަންކމަކީ އިދާރީ މައްސަލަތަކެއް ނޫންކަމަށާއި، އެއީ ފަސާދައިގެ އަމަލުތަކެއްކަމަށާއި، އެންޓީ ކޮރަޕްްޝަން ކޮމިޝަނުން އެއިން ބައެއް މައްސަލަތައް މިހާރުވެސް ބަލަމުންދާ ކަމަށެވެ. އަދި މިފަދަަ އަމަލުތަކެއް ހިންގި ބަޔަކަށް އިތުރަށް ތިނަދޫ ރައްޔިތުން ފުރުސަތެއް ދޭނެކަމުގައި ގަބޫލުނުކުރައްވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ. 

"މިފަދަ ބަޔަކަށް މިކަހަލަ ކަންކަން ކުރަން އިތުރު ފުރުސަތެއް ތިނަދޫ ރައްޔިތުން ދޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ތިނަދޫ ރައްޔިތުން މިފަދަ ނޭއްގާނީ ކަންކަމުންނާއި ބަދުނާމުން ސަލާމަތް ކުރެވެން އެބައޮތް،" ސައުދުﷲ ވިދާޅުވިއެވެ. 

ތިނަދޫއަަށް އެންމެ ރަނގަޅު ގޮަތަކީ އެ ސިޓީގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްކުގައި ސަރުކާރަށާއި ރައީސަށް އެއްބާރުލުންދޭނެ މޭޔަރަކާއި ކައުންސިލަރުންތަކެއް އިންތިހާބުކުރުންކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ ތިނަދޫގެ ކުރިއެރުމަށްޓަކައި އަދި އެ ސިޓީގެ އަނބުރަށްޓަކައި ކޮރަޕްޝަނުން ކައުންސިލު ސަލާމަަތްކުރުމަށް ޕީއެންސީ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު