ENGLISH
12 މާރިޗު 2026
އެއާ އިންޑިޔާގެ ދަތުރުތައް އިތުރުކުރުން؛ ޔޫރަޕުން ރާއްޖެއަށް އަންނަ ދަތުރުވެރިންނަށް އިތުރު ފުރުސަތުތަކެއް
11 މާރިޗު 2026
|
އެއާ އިންޑިއާގެ ފުލައިޓެއް: އެ އެއާލައިނުން ވަނީ ރާއްޖެއަށް ދަތުރުކުރާ ފުލައިޓްތައް މި މަހުގެ 10 ން 18 ށް އިތުރުކޮށްފަ--ފޮޓޯ/ ޓްރެވަލް ޓްރޭޑް މޯލްޑިވްސް
އެންމެ މަޤްބޫލު
ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް އިންޑިޔާގެ އެއާލައިން އެއާ އިންޑިޔާއިން ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިޔާއިން ރިޕޯޓުކޮށްފިއެވެ.
އެއާ އިންޑިޔާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތަކަށް 78 ފްލައިޓް އިތުރުކުރާނެކަމަށެވެ. އެއީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދުވަސްވަރު، ބަރޯސާވެވޭ ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުންކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
އެއާ އިންޑިއާއިން ފުލައިޓުތައް އިތުރުކުރި ރޫޓްތަކަކީ:
އެއާ އިންޑިޔާއިން އިތުރުކުރާ ދަތުރުތަކާއެކު ނުވަ ރޫޓެއްގައި މިހާރު ދެކޮޅަށް ކުރާ ދަތުރުތަކަށް އަލަށް 17،660 ސީޓު ނުވަތަ ގޮނޑި އިތުރުވާނެެއެވެ. ޔޫރަޕުގެ އެކި މަންޒިލުތަކާއި އިންޑިޔާގެ މައި ދެ ސިޓީގެ މެދުގައި ދަތުރުކުރުމަށް ބޭނުންކުރާނީ ބީ-787 މަރުކާގެ މަތިންދާބޯޓެވެ. އަދި ރާއްޖެއާއި ކޮލަމްބޯއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އޭ-320ނިއޯ މަތިންދާބޯޓުތަކެވެ.
އެއާ އންޑިޔާގެ ޗީފް ކޮމާޝަލް އޮފިސަރ ނިޕުން އަގަރްވާލް އިންޑިޔާގެ ނޫސްތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ޔޫރަޕާއި އެމެރިކާގެ މަންޒިލުތަކަށް އެޔާ އިންޑިޔާއިން ދަތުރުތައް ކުރަމުންދާ ކަމަށާއި، މި ދަތުރުތައް ކުރިން ކުރަމުންއައި ރޫޓުތަކަށް ބަދަލުގެނެސް ރައްކާތެރިކަން ކަށަވަރުކުރެވޭ މަގުތަކުން އެ ދަތުރުތައް ކުރަމުންދާ ކަމަށެވެ. އަދި އެއާ އިންޑިޔާއިން ފޯރުކޮށްދޭ އިތުރުބާރު ލިބިފައިވާ ހިދުމަތާއެކު މި މަންޒިލުތަކަށް ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނަށް އިތުރުކުރެވޭ ދަތުރުތަކުން ބޮޑު ފަސޭހައެއް ލިބޭނެކަމަށް ޔަގީންކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރު ފުރަތަމަ ދެ މަސްދުވަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް މެދުއިރުމަތީގައި ހަނގުރާމަ ފެށި، ހަލީޖުގެ މުހިއްމު ބޮޑެތި އެއާޕޯޓުތައް ބަންދުކޮށް، ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުވެސް ވަގުތީ ގޮތުން ބަންދުކުރަންޖެހުމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވިއެވެ. މާޗު މަސް ފެށުނުއިރު އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000 ފަތުރުވެރިން އަންނަމުންދިޔަ ނަމަވެސް މިހާރު އެ އަދަދުވަނީ 4،000 އަށް ވެއްޓިފައެވެ.
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުކޮށް، މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުން ދަތުރުވެރިން ގެންނަ މަންޒިލުތަކުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެފުރިކާއާއި އޭޝިޔާގެ އައު އެއާލައިންތައް ގެނައުމާއެކު، ރަޝިޔާއާއި އިންޑިޔާ އަދި ޗައިނާ ފަދަ ގައުމުތަކުގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އެއާ އިންޑިޔާއިން ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލުތަކަށް ކުރާ ދަތުރުތައް އިތުރުކުރުމާއެކު، ރާއްޖެއާއި ކޮލަމްބޯއަށް ކުރާ ދަތުރުތައް އިތުރުކުރުމުން އެ މަންޒިލުތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ދިއްލީއާއި މުމްބާއީގައި ޓްރާންސިޓުކުރުމަށްފަހު ރާއްޖެއަށް އައުމަށް މަގުފަހިވާނެއެވެ.