ENGLISH

11 މާރިޗު 2026

Advertisement

ދެ މަހާއި ދިހަ ދުވަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

މި އަހަރުގެ ފުރަތަމަ ދެމަސްދުވަހާއި ދިހަ ދުވަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ފަހަނައަޅާފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ދަތުރުވެރިންގެ އަދަދަކީ 526،767 ދަތުރުވެރިންނެވެ. އެއިން 517،509 މީހުންނަކީ ފަތުރުވެރިންނެވެ. އަދި 2،956 މީހުންނަކީ ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެއަށް އައި މީހުންނެވެ. ކްރޫޒް ލަައިނާތަކުގެ ފަސިންޖަރުންގެ ގޮތުގައި 6،302 މީހަަކު ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެެއަށް ޒިޔާރަތްކުރީ ޖުމްލަ 492،777 މީހުންނެވެ. އެއީ 488،878 ފަތުރުވެރިންނާއި ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެއަށް އައި 3،071 މީހަކާއި ކްރޫޒްލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 828 މީހުންނެވެ. 

އެހެންކަމުން ޖުމްލަ ގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ނިސްބަތް ނިމުނު އަހަރާ އަޅާބަލާއިރު މި އަހރު 6.9 އިންސައްތަ އިތުރުވިއެވެ. މައިގަނޑު ގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު އިތުރުވި ނިސްބަތް ކުރީ އަހަރުތަކާ އަޅާބަލާއިރު ދަށްވި ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަައާ ގުޅިގެން މާޗު މަހުގައި ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ދަށްވުމެވެ. 

ނިމުނު އަހަރު މާޗު މަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް 59،924 މީހުން ޒިޔާރަތްކުރިއެވެ. ނަމަވެސް މިއަހަރުގެ މާޗު މަހުގައި އެ އަދަދުވަނީ 44،999 އަށް ދަށްވެފައެވެ. ރާއްޖެއަށް ޔޫރަޕުން އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓުކުރުމަށްފަހު، މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ޒަރީއާއިންނެވެ. 

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫއަރައި، ބައެއް އެއާލައިންތަކުގެ ދަތުރުތައްވަނީ މެދުކެނޑިފައެވެ. އަދި ޔޫރަޕިން މެދުއިރުމައްޗަށް ކުރާ ދަތުރުތައްވެސް މަދުވެފައިވެއެވެ. ހަމައެހެންމެ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތައްވެސް މަދުވެފައިވެއެވެ. 

މި ބަދަލުތަކާއެކުވެސް، މާޗު މަހުވެސް އެވެރެޖުކޮށް ދުވާލަކު 4،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ޖުމްލަކޮށް ޖަނަވަރީން މާޗު ނުވައެއްގެ ނިޔަލަށް އެވެރެޖުކޮށް ދުވާލަކު 7،747 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. 

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ތިން ގައުމަކީ ޗައިނާއާއި، ރަޝިޔާ އަދި އިޓަލީ ވިލާތެވެ. ޗައިނާއިން 82،768 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ރަޝިޔާއިން 61،411 ފަތުރުވެރިން އަދި އިޓަލީން 50،419 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

ރާއްޖެއަށް އައި ފަތުރުވެރިންގެ 68.3 އިންސައްތަ ފަތުރުވެރިން އައީ ރިސޯޓުތަކަށެވެ. އެއީ 353،331 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކަަށް އައީ 26.6 އިންސައްތަ ފަތުރުވެރިންނެވެ. އެއީ 137،572 ފަތުރުވެރިންނެވެ. 

ކިޔުންތެރިންގެ ހިޔާލު