ENGLISH

11 މާރިޗު 2026

Advertisement

އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅުވައި ރާއްޖެ ބަދުނާމުުކުރަން މަސައްކަތްކުރޭ: ޑރ.ހަލީލު

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަަ ނުފެންނަަ ވޯޓެއް ނަގާތީ އެކަމުގެ ހަގީގަތް އޮޅުވައިލާ، ރާއްޖެ ބަދުނާމުކުރުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާކަމަށް ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ. 

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަަލް ކޮންގްރެސް ޕާޓީގެ ފަރާތުން ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ޕީއެންސީއަށް އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައްޔިތުންނާ ހަމައަށް ނުގޮސް ނިންމައިލެވެން އޮތް ކަމެއް ނަމަވެސް ތެދުވެރިވީމާ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ ރައްޔިތުންގެ އަރިހަށް ވަޑައިގެން، ރައްޔިތުންނަށް ފެންނަ ގޮތެއް ބެއްލެވުމަށް ކަމަށެވެ. 

ޑރ.ހަލީލު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރެއެްވި ދަތުރުފުޅުތަކުގައި ބައްދަލުވެވަޑައިގަތް ބައެއް ބޭފުޅުން އެ ބޭފުޅުންނާ ހަމައަށް މިކަމުގައި ވަރަށް ގިނަ ޝަކުވާތައް އައިސްފައިވާ ކަމަށް ވިދާޅުވި ކަމަށާއި، އިންތިހާބުތައް ގަނޑުބަނޑުކޮށް އެއްކޮށްލަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން އެ ބޭފުޅުންނަށް މައުލޫމާތު ދީފައިވާކަމަށެވެ. ނަމަވެސް ސަރުކާރުގެ ނިޔަތަކީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުންކަަމާއި، އެއީ ދުނިޔޭގެ ވަރަށް ގިނަަ ގައުމުތަކުގައިވެސް އޮންނަ ނިޒާމެއްކަން ސާފުކޮށްދެއްވުމުން އެ އިންތިހާބުތަކުގައި ދިވެހި ރައްޔިތުން ފިޔަވައި އެހެން ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދޭތޯ އެ ބޭފުޅުން ސުވާލުކުރެއްވުމުން އެފަދަ ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، މި ސިޔާސަތުގައި އޮތް މައްސަލައަކީ ކޮބައިތޯ އެ ބޭފުޅުންވެސް ސުވާލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އަޅުގަނޑު ދަންނަވާލަން އޮތީ ހާއްސަކޮށް ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދައްކަވާ ބޭފުޅުންނަށް، ތިބޭފުޅުން އެއްގޮތަކަށްވެސް ހާސްވެވަޑައިނުގަންނަވާށޭ. ދިވެހި ރައްޔިތުންނޭ މި އިންތިހާބުތަކުގައި ވޯޓުލައްވާނީ. ކޮންމެ އިންތިހާބެއްވެސް މިރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ބާއްވަންޏާ ވޯޓުދެއްވާނީ ދިވެހި ރައްޔިތުން. އެހެންވީމާ ރައްޔިތުންނާ ހަމައަށް މިގޮތަށް ދިއުމާމެދު ބިރުގަންނާނެ ކަމެއް ނެތް. ރައްޔިތުންނާ ހަމައަށް ދިއުމާމެދު ބިރުގަންނަ ކަމަށްވަަންޏާ ސިޔާސީ ކަންކަމަށް ކުފޫހަމަނުވަނީ،" ޑރ.ހަލީލު ވިދާޅުވިއެވެ. 

ޑރ.ހަލީލު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައެއް ބޭފުޅުން ހިއްސާކުރައްވާ ވާހަކަފުޅުތަކާ ގުޅިގެން ރާއްޖެ ބަދުނާމުވާނެހެން އެކިއެކި ދޮގުތައް ހަދައިގެން ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކާ ގައުމުތަކަށް ފޮނުވަމުންދާ މީހުންނަކީ ހަމަ ދިވެހިން ދަރިންތޯ ހިތްޕުޅުގައި ސުވާލު އުފެދޭ ކަމަށެވެ. އިތުރަށް ވަޒީރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަދި މިއަދުގެ ސަރުކާރުގެ ވަޒީރުން އަދި މަޖިލީހުގެ މެންބަރުން ގައުމު ބަދުނާމުވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަަން އޮންނަ ކަމަށާއި، އެއީ އެ ހުރިހާ ބޭފުޅުންނަކީ އެފަދަ ކަމެއް ކުރައްވާވަރަށްވުރެ ގައުމީ ބޭފުޅުން ކަމަށެވެ. 

"ވިސްނަވާ ބައްލަވާ ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި ތިމަންނަމެންނާ ހަމައަށް އައިސްފައި އެބައޮތޭ ރާއްޖެއަށް ތިގައުމުން ޓޫރިސްޓުން ފޮނުވުން ހުއްޓުވައިދޭށޭ. ކިހައި ނުބައި ވާހަކައެއްތޯ މިދައްކަނީ. އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެންގެ ގޭގައި ތިބި އަޅުގަނޑުމެންގެ މައިންނާއި ދަރިންނަށް އާމްދަނީއަށް ލިބޭ ފައިސާކޮޅު ހުއްޓުވައިލާ ވާހަކައޭ މިދައްކަނީ. އެގައުމުތަކުގައި މިބުނަނީ ރާއްޖޭގެ ތަރައްގީއަށް ފަންޑުކުރުން ހުއްޓުވައިދޭށޭ،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މިފަދަ ވާހަކަތައް ފަތުރަމުންދިޔަ ނަމަވެސް ރައީސް ޑރ.މުޢިއްޒުގެ ވަރުގަދަ ހާރިޖީ ސިޔާސަތުގެ ތެރެއިން ކަންކަަމުގެ ހަގީގަތް ގައުމުތަކާއި ޖަމްއިއްޔާތަކަށް ބުނެދެވި އޮޅުންފިލުވައިދެވުމުން އެހުރިހާ ވާހަކައެއް ނަފީވެގެންދާ ކަމަށެވެ. އަދި އިސްރާއީލު ފިޔަވައި ކޮންމެ ގައުމަކުން ރާއްޖެއާއެކު މަސައްކަތްކުރާނަމަ އެ ގައުމުތަކާއެކު އެކުވެރި ގުޅުން ރާއްޖެއިން ބާއްވަވަން ރައީސް ނިންމަވާފައިވާ ސިޔާސަތު ދުނިޔެއިން ބަލައިގަަނެފައިވާ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑު ދަންނަވައިލަން އޮތީ ރާއްޖެ ބަދުނާމުކުރުމަށްޓަކައި ބައެއް ބޭފުޅުން ބޭރު ދުނިޔޭގައި، ހާއްސަކޮއަށް އަޅުގަނޑުމެންނާ އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ދެއްކެވުން ތިބޭފުޅުން ހުއްޓަވައިލައްވާށޭ. ތިއީ ތިބޭފުޅުންނަށްވެސް، ދިވެހި ރައްޔިތުންނަށްވެސް ފައިދާ ހުރި ކަމެއް ނޫނޭ. ދިވެހި ރައްޔިތުންދެކެ ލޯބިވޭތަ، ތިވާހަކަަ ހުއްޓުވާލައްވާ،" ޑރ.ހަލީލު ވިދާޅުވިއެވެ. 

މިއަދުގެ ސަރުކާރަކީ ބިނާކުރުމުގެ ސަރުކާރެއްކަން ފާހަގަކުރައްވަމުން ޑރ.ހަލީލު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުގައި ގައުމު ދަރުވައިލި ގޮތަށް ގައުމު ދަރުވައިލާނޭ ސަރުކާރުތަކަކަށް ފުރުސަތު ދިނުމަށް މިއަދު ދިވެހި ރައްޔިތުންވެސް ބޭނުންނުވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު