ENGLISH

11 މާރިޗު 2026

Advertisement

އިދިކޮޅުން އޮޅުވައިލަން ދައްކާ ވާހަކައަށް ނުބައްލަވައި ދޫންޏަށް ވޯޓުދެއްވާ: ރިފާއު

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިފާއު

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރިއާޔަތްނުކުރައްވައި ހުރިހާ ރައްޔިތުންވެސް ދޫންޏަށް ނުވަތަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިފާއު އިލްތިމާސްކުރައްވައިފިއެވެ. 

އެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލޭ މެދު ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިފާއުވަނީ އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ އިތުރަށް މާލެ ސިޓީގެ މޭޔަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދެއްވަންވީ ސަބަބުތައް ބަޔާންކޮށްދެއްވާފައެވެ. 

އެގޮތުން މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އޭނާގެ "ހީރޯ"ގެ ގޮތުގައި ސިފަކުރައްވަމުން ރިފާއު ވިދާޅުވީ ޖަލީލަކީ ޒުވާން އުމުރުފުޅުގައި ގައުމަށްޓަކައި ފުރާނައިން ގުރުބާންވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން އަމިއްލަ މޭފުޅު އައްޑަނައެއްގެ ގޮތުގައި ދިއްކުރައްވައިގެން ނުކުމެވަޑައިގެންނެވި ވަރަށް ވަތަނީ ބޭފުޅެއް ކަމަށެވެ. 

"އަޅުގަނޑުމެންނަށް އެނގޭ ކަމަކީ މޭޔަރަކީ ގައުމީ ބޭފުޅެއް. ގައުމުދެކެ ލޯބިވާ، ގައުމަށްޓަކައި ލޭ އޮހޮރުވައިލަން މޭ އައްޑަނައަކަަށް ދިއްކޮށްލެއްވި ބޭފުޅެއް. އެހެންވީމާ މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުން އެމަނިކުފާނާ މި މަސްއޫލިއްޔަތު ހަވާލުކުރުމުން އަމާނާތްތެރި އިހުލާސްތެރި ތެދުވެރި މަސައްކަތްތަކެއް ކުރައްވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ރިފާއު ވިދާޅުވިއެވެ. 

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާ އަަލްއުސްތާޛާ އާޝިޔަތު އަލައިކާއަަކީ އެންމެ ފުރަތަމަ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަމަށް 2014 ވަނަ އަހަރު ރިފާއު ކުރިމަތިލެއްވިއިރު އޭނާގެ އޮފީހުގެ ކަންކަން މެނޭޖުކުރެއްވި ބޭފުޅެއްކަމަށާއި، ދެ ބޭފުޅުން ސިޔާސީ މަސައްކަތް ފެއްޓެވީ ދާދި އެކުއެކީގައިކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ އަލައިކާއަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު ގާބިލު ބޭފުޅެއް ކަމަށެވެ. 

"ޒިންމާދާރުކަމާއެކު ތައުލީމީ ގޮތުންވެސް ހުރިހާ ގާބިލުަކަމެއްވެސް ފުރިހަމަަވެފައިވާ ބޭފުޅަކަށްވާތީ އަލައިކާއަށް ވޯޓު ދޭންޖެހެނީ،" އަލައިކާއަށް ވޯޓުދޭންވީ ސަބަބު ބަޔާންކުރައްވަމުން ރިފާއު ވިދާޅުވިއެވެ. 

ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ސަނީހަކީ އެޗްޑީސީގައި މަސައްކަތްކުރައްވައި ހުޅުމާލޭ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ ސަނީހަށް އެނގިވަޑައިނުގަންނަވާ ކަމެއް ހުޅުމާލެ ތެރޭ ނުހިނގާނެ ކަމަށެވެ. 

ދެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުޅުމާލޭ މެދު ދާއިރާގެ މެންބަރުގެ މަގާމަށް ވާދަކުރައްވާ އާޝިފަތަަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީއެންސީގެ ކޯލް ސެންޓަރުގައި ވަރަށް ބުރަކޮށް ޒިންމާދާރުކަމާއެކު މަސައްކަތްކުރައްވައި ކޮންގްރެސް ޕާޓީއަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް މެންބަރުން ވިދާޅުވިއެވެ. 

ޖުމްލަކޮށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބުތަކާމެދު ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަމުންދާ ތަރައްގީއާއި ހަމަޖެހުމާއި ހިތްހަމަޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަން ކަމަށްވާތީ ކަމަށެވެ. މި ރަމަޟާން މަހުވެސް ރައްޔިތުންގެ ހިދުމަތުގައި ރައީސް 18 ގަޑިއިރު މަސައްކަތްކުރައްވަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ. 

މި ލޯކަލް ކައުންސިލު އިންތިހާބުގައި ކުރިން އެހެންވެސް އެއްވެސް ވެރިޔަކު މިފަދަ އިންތިހާބެއްގެ ކެމްޕެއިނުގައި މަސައްކަތްނުކުރައްވާ މިންވަރަށް ރައީސް މަސައްކަތްކުރައްވާކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ ކޮންގްރެސްގެ ކެންޑިޑޭޓުން ހޮވަންވީ ރައީސް ކުރައްވާ ވަތަނީ ގައުމީ މަސައްކަތްޕުޅުގައި އެމަނިކުފާނަށް އެއްބާރުލުންދެއްވައި އެހީތެރިވެދެއްވާނޭ ޓީމެއް ހޮވުމަށް ކަމަށެވެ. 

"އެހެންވީމާ އެ އިހުލާސްތެރިކަމަށްޓަކައި، އެ ގައުމީ ލޯތްބަށްޓަަކައި، އެމަނިކުފާނު އެކުރައްވާ މަސައްކަތްޕުޅުގައި އެއްބާރުލާނެ ޓީމެއް ހޮވުމަށްޓަކައި ވޯޓުލާން މިޖެހެނީ. އިދިކޮޅުން ބުނާނެ މިއީ ޒިންމާދާރުކުރާ ބައެކޭ، ކޮންތަނެއްގައި ތޯ ލިޔެފައި އޮތީ ކައުންސިލަކީ ސަރުކާރު ޒިންމާދާރުކުރާ ބައެކޭ؟ ރައްޔިތުންނަަށް އޮޅުވައިލުމަށްޓަކައި ދައްކާ މިފަދަ ދަޅަތަކުގައި އެއްވެސް ދިވެހި ރައްޔިތަކު ޖެހިގެންނުވާނެ. ވޯޓުދޭންވީ އަޅުގަނޑުމެންނަށް، ރައްޔިތުންނާ އެކީގައި ރައްޔިތުންގެ ކުރިމަގަށް މަސައްކަތްކުރާ ޓީމަށް،" ރިފާއު ވިދާޅުވިއެވެ. 

ރިފާއު ވިދާޅުވީ ކެންޑިޑޭޓު ނަންބަރާމެދު ނުވިސްނަވައި ވޯޓު ކަރުދާސްކޮޅު ލިބިވަޑައިގަތުމުން ކޮންމެ ބޭފުޅަކުވެސް ދޫނި ކައިރީގައި ހެޔޮ ފާހަގަޖެއްސެވުމުން އޮންނާނީ ރަނގަޅަށް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު