ENGLISH

11 މާރިޗު 2026

Advertisement

ވަށަފަރު އިޙްތިސާސްގައި "ކަނޑާލިފިނޮޅު" ހިމެނުން؛ ރައްޔިތުންކުރި ދިގު އިންތިޒާރަށް ނިމުން

10 މާރިޗު 2026

|

އަޙުމަދު ޙަމީދު

ވަަށަފަރު --

ތިލަދުންމަތީ ވަށަފަރު އިޙްތިސާސްގައި "ކަނޑާލިފިނޮޅު" ހިމެނުމަކީ އެެރަށުގެ ރައްޔިތުންކުރި ދިގު އިންތިޒާރަށް ނިމުން ގެނުވި އުފާވެރި ނިންމުމެއް ކަމަށް ވަށަފަރު ހިމެނޭ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ނިންމުމާއި ގުޅޭގޮތުން އެމްްއެމްޓީވީއާ ވާހަކަ ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ ވަށަފަރަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށެއް ކަމަށާ އެ ރަށުގެ އިޙްތިސާސްގައި ވަށަފަރު ހިމެނުމަކީ އެ ދާއިރާއިން ބެލިނަމަވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ވަށަފަރުގެ ރައްޔިތުން އިންތިހާއަށް އެދެމުންދިޔަ ކަމެއް. ވަރަށް ދިގު އިންތިޒާރަކަށް ނިމުން މިއައީ," ޝަރީފް ވިދާޅުވި އެވެ.

އެ ނިންމުމަށް ވަށަފަރު ރައްޔިތުންނާއި އޭނާގެ އަމިއްލަ ނަމުގައި ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފަ އެވެ. ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ޙަޤީޤީ މާނާގައި ޗެމްޕިއަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަނީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅެއް ކަމަށެވެ.

ރައީސްގެ މިފަދަ ނިންމެވުންތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ލިބެމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގައި ރަނގަޅު ނިންމުން ނިންމައިދީ

ޝަރީފް ވިދާޅުވީ ވަށަފަރު އިޙްތިސާސްގައި "ކަނޑާލިފިނޮޅު" ރަށަށް އިޤްތިސާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެކަންކަން ބިނާވަނީ ކައުންސިލްގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމުން ކަމުގައި ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ކުރިއަށް އޮތީ މުހިންމު ނިންމުމެއް ނިންމަން ޖެހިފައި އޮތް ދަނޑިވަޅެއް ކަމަށެވެ.

ވަށަފަރަށް "ކަނޑާލިފިނޮޅު" ލިބުނު ވަގުތަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާާ ކޮމެޓީތަކުގެ އިންތިޚާބު ބޯމަތިވެފައިވާ ވަގުތެއް ކަން ފާހަގަ ކުރައްވާ ޝަރީފް ވަނީ ރައްޔިތުންގެ ޙައްޤުގައި މަަސައްކަތް ކޮށްދޭނެ ކައުންސިލެއް އިންތިޚާބުކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

ސަރުކާރާއި ގުޅިގެން ކައުންސިލުން ކުރާ މަސައްކަތުން "ކަނޑާލިފިނޮޅު" ތަރައްޤީ ކުރެވުމުން އެކަން ވެގެން ދާނީ މުޅި ދާއިރާއާ އަތޮޅަށްވެސް އަންނާާނެ ކުރިއެރުމަކަށް ކަމަށް ވިދާޅުވި އެވެ.

ވަށަފަރަކީ ޤުދުރަތީ ގޮތުން ވަރަށް ބޮޑު ރީތި ކަމެއް ލިބިފައިވާ ރަށެކެވެ. ރަށުގެ ރީތި ގޮނޑުދޮށާއި ނޫވިލު ފަޅުގެ ސަބަބުން އެއީ ފަތުރުވެރީންގެ މެދުގައި ވަރަށް މަޤްބޫލު ރަށަކަށް ވަނީ ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު