ENGLISH

11 މާރިޗު 2026

Advertisement

އިސްރާއީލާއި އެމެރިކާގެ އުދުވާނާއި، އީރާނުން ހަލީޖުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

10 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ޚާރިޖީވަޒީރު ޑރ.ޢަބްދުﷲ ޚަލީލު

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއި، އެ ހަމަލާތަކާ ވިދިގެން އެ ގައުމުން ހަލީޖުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުން ސައުދީ އަރަބިއްޔާއާއި، ޔޫއޭއީއާއި ގަތަރާއި، ކުވައިތާއި ބަހުރައިން އަދި އެނޫން އަރަބި އިސްލާމީ އުހުއްވަތްތެރި ގައުމުތަކަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ދިވެހި ސަރުކާރުން ބުނެފައިވަނީ ހަލީޖުގެ އެއާޕޯޓުތަކާއި ތެޔޮ ރިފައިނަރީތައް ހިމެނޭހެން މަދަނީ ތަންތަނަށް އަސަރުކުރާ ގޮތަށް އީރާނުން ދެމުންދާ ހަމަލާތަކާމެދު ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި، މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ މުއާހަދާއާ ސާފުކޮށް ހިލާފު ހަމަލާތަކެއް ކަމަށެވެ. 

އަދި ހަލީޖުގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގެ ރައްދުގައި އެއިން އެއްވެސް ގައުމަކުން ރައްދު ހަމަލާއެއް ނުދެނީސް އިތުރަށް އީރާނުން ހަމަަލާތައް ކުރިއަށްގެންދާތީ އެކަމާމެދު ދިވެހި ސަރުކާރުން ހިތާމަކުރާ ކަމެއް ކަމުގައިވެސް ހާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. 

ދިވެހި ސަރުކާރުން ބުނެފައިވަނީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާތީ ވަރަށް ބޮޑަށް ދިވެހިރާއްޖެ ކަންބޮޑުވާ ކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހުރިހާ ހަމަލާއެއް، ހާއްސަކޮށް އެތައް ސަތޭކަ ކުދިންނެއް މަރުވި އަންހެންކުދިންގެ ސްކޫލަކަށް ދިން ހަމަލާއާއި ހޮސްޕިޓާތަކާއި، ތެޔޮ ބިންތަކަށް ދެމުންދާ ހަމަލާތައް ހިމެނޭ ގޮތަށް ކުށްވެރިކުރާކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

މި ފިޔަވަޅުތަކުގެ ސަބަބުން ގަލްފުގެ ނުތަނަވަސްކަން ބޮޑުވެ، އެ ސަރަހަައްދުގައި މިހާރު ހިނގަމުންދާ އަނިޔާވެރި އަމަލުތަކަކީ ސުލްހައަށް އޮތް ފުރުސަތުތައް ހީނަރުކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރުމާއެކު ސަރުކާރުން އިލްތިމާސްކުރީ ހުރިހާ ފަރާތްތަކަކުންވެސް ހަމަލާބަދަލުކުރުން ވަގުތުން ހުއްޓައިލުމަށެވެ. 

އަދި މެދުއިރުމައްޗަށް ސުލްހައާއި ހަމަޖެހުން ގެނައުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުކޮށް ވަރުގަދަކުރުމަށް ބައިނަލްްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުންވަނީ ގޮވާލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު