ENGLISH
10 މާރިޗު 2026
ހެއްކާއެކު ނާޒިމް؛ ގާނޫނުއަސާސީ އިސްލާހުކުރިއިރު ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅުނު
10 މާރިޗު 2026
|
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
މިހާރު އަމަލުކުރެވެމުންދާ ގާނޫނުއަސާސީ އެކުލަވައިލި މަރުހަލާގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމާމެދު މަޝްވަރާކުރެވިފައިނުވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް ރައްދުދެއްވައި އެ ވާހަކައަކީ ދޮގެއްކަން ސާބިތުކޮށްދެއްވައިފިއެވެ.
އޭޕްރީލު ހަތަރުވަނަ ދުވަހުގައި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއެކު ނަގާ ރައްޔިތުންގެ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް ގޮވައިލާ އިދިކޮޅު ފަރާތްތަަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވަނީ ގާނޫނުއަސާސީ އެކުލަވައިލިއިރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ބަހުސްކުރެވިފައި ނެތްކަމަށް ވިދާޅުވެފައެވެ.
ނާޒިމު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާމެދު ބަހުސްކުރެވުނު ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ ފާސްކުރެވި ތަސްދީގުކުރުމަށްފަހު ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތިން ހުށަހެޅުމެއް ހުށަހެޅިފައިވެއެވެ.
ފުރަތަމަ ހުށަހެޅުމަކީ ހާއްސަ މަޖިލީހުގެ މާލޭ މެންބަަރު އަދި އެމްޑީޕީގެ ފުރަތަަމަ ރައީސް އިބްރާހީމް އިސްމާއީލު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް އަމަލުކުރާން ފަށާ ދުވަހުން ފެށިގެން ހަ މަސްދުވަހާއި އަށް މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުއެކީ ބޭއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
ހަމައެހެންމެ ތިންވަނަ ހުށަހެޅުއްވުމުގެ ގޮތުގައި އޮތީ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ގޮތެވެ. އެއީ ގާނޫނުއަސާސީއަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ހަ ަމސްދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކުގައި ބާއްވަން ހުށަހަޅުއްވާފައިވެއެވެ.
ތިންވަނަ ހުށަހެޅުމެއްގެ ގޮތުގައި އޮތީ މާޅޮސްމަަޑުލު އުތުރު ބުރީގެ މެންބަަރު ޝާހީން ޙަމީދު ހުށަހެޅުއްވި ގޮތެވެ. އެއީ ހަ މަސްދުވަހާއި އަށް މަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ދެން އޮންނަަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަަށެވެ.
މި ތިން ހުށަހެޅުން ހިއްސާކުރައްވައި ނާޒިމު ވިދާޅުވީ އެ ހުށަހެޅުންތަކާމެދު ބަހުސްކުރެވި އެ ހުށަހެޅުންތަކާމެދު ގޮތްތަކެއް ނިްނމެުނު ކަމަށެވެ. އެހެންކަމުން އެއް ދުވަހެއްގައި މި ދެ އިންތިހާބު ބޭއްވުމަކީ ހާއްސަ މަޖިލީހުގައި ބަހުސްކުރެވިފައި އޮތް މައުޟޫއެއްކަަން ނާޒިމުގެ ޕޯސްޓުން ޔަގީންވެއެވެ.