ENGLISH
10 މާރިޗު 2026
ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ހިންގާނީ އެމްޑީޕީންކަމަށް ބުނާ ބުނުމަކީ ދޮގެއް: ޒަމީރު
10 މާރިޗު 2026
|
މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޒަމީރު
އެންމެ މަޤްބޫލު
ލާމަރުކަޒީ ނިޒާމު އެންމެ ހަރުދަނާކޮށް ރަނގަޅަށް ހިންގޭނެ ޕާޓީއަކީ އެމްޑީޕީކަމަަށް އެ ޕާޓީން ކުރަމުންދާ ދައުވާއަކީ ދޮގެއްކަމަށް ކުރިން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވިލިމާލޭގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވުމަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ އަވަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޒަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލު އުފެދުނު ދުވަހުން ފެށިގެން ތިން ދައުރެއްގައި ސިޓީގެ މޭޔަރުކަމާއި ކައުންސިލުގެ ބޮޑު އަޣުލަބިއްޔަތު އެމްޑީޕީއަށް މާލޭ ރައްޔިތުން ދިން ކަމަށެވެ. ޒަމީރަކީ ކައުންސިލުގެ ތިންވަނަ ދައުރުގައި މަސައްކަތްކުރެއްވުމަށްފަހު ހަތަރުވަނަ ދައުރަށް ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއެކު އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
ޒަމީރު ވިދާޅުވީ ކުރީގެ މޭޔަރުންނާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ތަފާތުވީ މާލޭގައި ހުރި މައްސަލަަތަކަށް ބައްލަވައި އެ މައްސަލަތައް ހައްލުކުރެއްވުމަށް އިސްތިރާޖީ އަމަލީ ރޭވުމެއް އެކުލަވައިލައްވައިގެން މޭޔަރުކަމަށް ވަޑައިގަތް ކަމާއި، އެ ރޭވުން ކައުންސިލުގެ އަޣުލަބިއްޔަތު ވޯޓުން ފާސްކުރެއްވުމަށްފަހު އެ ޕްލޭނުގައި ހިމެނުނު ގިނަ ކަންތައްތަކެއް އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރުގައި ތަންފީޒުކުރެއްވިކަން ކަމަށެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި މާލޭގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ތަންދޮރު ދަންނަ ބަޔަކަށްވާތީ މިއަދު ލާމަރުކަޒީ ނިޒާމުގެ ތާރީހާ ގުޅޭ ކަންތައްތައް އޮޅުވައިނުލެވޭނެ ކަމަށެވެ.
އަދި އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމާމެދު ކަން ހިނގައިދިޔަ ގޮތުގެ ބައެއް ތަޖުރިބާތައް ހިއްސާކުރައްވަމުން މެންބަރު ޒަމީރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ތިންވަނަ ދައުރުގައި އެމްޑީޕީގެ މޭޔަރަކާއި އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް ކައުންސިލަކުން ހެންވޭރުގައި ލޮނުޒިޔާރަތް ޕާކުގެ މަސައްކަތް ކުރަމުންދަނިކޮށް އެ މަސައްކަތް ރައީސް އޮފީހުގެ ދަށަށް ގެންދަވައި އެތަނުގައި ހުންނެވި ވަޒީރެއްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ހިންގަވާ ގޮތަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖެއްސެވި ކަމަށެވެ.
"އެމްޑީޕީގެ ވެރިކަން އޮވެ، އެ ޕާޓީގެ އަޣުލަބިއްޔަތު ކައުންސިލުގައިވެސް އޮއްވައި، އެމްޑީޕީގެ ރައީސަކު ކަންަތައް ކުރެއްވި ގޮތުގެ ތެރެއިން އެއްކަމޭ މިދެންނެވީ. އެހެންވެއްޖެއްޔާ ލާމަރުކަޒީ ގާނޫނު އެންމެ ބޮޑަށް އެނގެނީ އަދި އެއަށް އެންމެ ރަނގަޅަށް އަމަލުކުރަނީ ތިމަންނަމެންނޭ އެ ބޭފުޅުން ވިދާޅުވާ ވާހަކަފުޅަކީ ދޮގެއްކަން އަޅުގަނޑު ކައިރީ ސާބިތުވޭ،" ޒަަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިއަދުގެ ރައީސް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތައް ފޮތެއްގައި ލިޔުއްވުމަށްފަހު، ވައުދުތައް ފުއްދެވުމުގެ މަސައްކަަތް ފަހު ދުވަހަށް ނުބަހައްޓަވައި ތަރުތީބު ނިޒާމެއްގެ ތެރެއިން މިހާރު އެ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެއީ އެމަނިކުފާނާއި ކުރީގެ ވެރިންނާ ދެމެދުގައި އޮތް އެންމެ ބޮޑު ތަފާތު ކަމަށެވެ.