ENGLISH
11 މާރިޗު 2026
ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި މިންވަރު އިތުރު: މީރާ
11 މާރިޗު 2026
|
މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރ. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މިއަހަރު ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި މިންވަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މިދިޔަ މަހުގެ އާމްދަނީގެ ތަފްސީލު އާއްމުކޮށް މީރާއިން ބުނީ ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް 20 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނީ 90.2 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދު 20.7 އިންސައްތަ އިތުރުވެ، 108.9 މިލިއަން ޑޮލަރު ޓެކުހުގެ ގޮތުގައި ލިބުނެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 137.72 މިލިއަން ޑޮލަރެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 126.85 މިލިއަން ޑޮލަރެވެ. މިއީ 7.9 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު ޖުމްލަ ޑޮލަރުގެ އާމްދަނީ ދަށްވެފައިވީ ނަމަވެސް، ޑޮލަރުން ޓެކްސް ދައްކާފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
ޑޮލަރުން ޓެކްސް ލިބުމުގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހެވެ. މިމުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން 75.2 މިލިޔަން ޑޮލަރު ދައްކާފައިވާއިރު، މިއީ މިދިޔަ އަހަރު ފެބްރުއަރީ މަހާ އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ.
ޑޮލަރުގެ އާމްދަނީގެ ބޮޑު ބައެއް ދެން ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނޭ ގްރީން ޓެކުހެވެ. އެގޮތުން މިދިޔަ މަހު 13 މިލިއަން ޑޮލަރު، ގްރީން ޓެކްސްއަށް ދައްކާފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލައި 34 އިންސައްތަ އިތުރު އަދަދެކެވެ.
ޑޮލަރުން ދައްކާ ޓެކްސް އާމްދަނީ ފެބްރުއަރީ މަހު އިތުރުވެފައިވާއިރު، ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ކުރީ އަހަރާއި އަޅާ ބަލާ އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ފެބްރުއަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބުގެ ގޮތުގައި މީރާއިން ފާހަގަކުރީ ރާއްޖެއަށް އެމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.