ENGLISH
10 މާރިޗު 2026
މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ރައީސް ބޭނުންކުރެއްވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް: ސައްތާރު
10 މާރިޗު 2026
|
ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްސައްތާރު މުހައްމަދު
އެންމެ މަޤްބޫލު
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ލިބިފައި އޮތް ބޮޑު އަޣުލަބިއްޔަތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންކުރެއްވީ ލާމަަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި އިތުރަށް ބާރުވެރިކުރެއްވުމަށް ކަމުގައި ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، އެ އިންތިހާބާއެކު ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާމެދު ހޭލުންތެރިކަން އުފެއްދުމަށް ޕީއެންސީން ރާއްޖޭގެ ހުރިހާ ޓީވީތަކެއްގެ ޒަރީއާއިން ކުރިއަށްގެންދާ "ދިވެހިންގެ ރާއްޖެ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސައްތާރުވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ކައުންސިލު އިންތިހާބު ކާމިޔާބުވެއްޖެނަމަ ލާމަެރުކަޒީ ނިޒާމު އުވިގެންދާނެ ކަމަަށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީގެ ކުރިން ދުވަހަކުވެސް އެއްވެސް ޕާޓީއަކަށް ރައްޔިތުން ނުދޭ މިންވަރުގެ އަޣުލަބިއްޔަތެއް ޕީއެންސީއަށް ދީފައިވާ ކަމަށެވެ. އެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ގާނޫނުއަސާސީއަށް އަދި ގާނޫނުތަކަށް ބޭނުން އިސްލާހުތަކެއް ގެނައމުގެ ފުރުސަތު ފަހިކޮށް އެބައޮތްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ތާރީހުގައި ނުދޭވަރުގެ އަޣުލަބިއްޔަތެއް މަޖިލީހުން ރައީސް މުއިއްޒަށް ދިނީ. ދިނާމާ އޭގެ މާނައަކީ ކޮބައިތޯ؟ ގާނޫނުއަސާސީވެސް އިސްލާހުކުރެވޭނެ ގާނޫނުއަސާސީ ބުނާ ގޮތަށް އަދި ގާނޫނުތައްވެސް އިސްލާހުކުރެއްވޭނެ،" ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް އުވައިލުމުގެ ގާނޫނީ ބާރުވެރިކަން ރައީސްގެ އަތްޕުޅުމަތީގައި އޮތްކަން ފާހަގަކުރައްވައި މެންބަރު ސައްތާރު ވިދާޅުވިއެވެ.
ސައްތާރު އިތުރަށް ވިދާޅުވީ ރައީސްގެ އަތްޕުޅުގައި އޮތް އެ ބާރު އެމަނިކުފާނު ބޭނުންކުރެއްވީ ލާމަރުކަޒީ ނިޒާމުގައި ހުރި އެކި ބައިތައް އިތުރަށް ވަރުގަދަކުރައްވައި ބާރުވެރިކުރެއްވުމަށް ކަމަށެވެ. މިސާލެއްގެ ގޮތުން ސައްތާރު ފާހަގަކުރެއްވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބެމުންއައި އިނާޔަަތަކީ މުސާރައެއް ކަމުގައި ހަމަަޖެއްސެވުމާއި، އެ ކޮމިޓީތަކަށް ބަޖެޓުން ލިބޭ އިންސައްތަ އިތުރުކުރެއްވުމާއި، އެ ކޮމިޓީތަކުގެ ރައީސުންނަކީ ފުލްޓައިމް މަގާމެއްގެ ގޮތުގައި ހަމަޖައްސަވައި އެ މަގާމަށް ބޭފުޅުން އިންތިހާބުކުރާނީ ހުރިހާ ރައްޔިތުންގެ ވޯޓުން ކަމުގައި ހަމަޖެއްސެވުން ފަދަ ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާ ކަމެވެ.
"އެހެންވީމާ ލާމަރުކަޒީ ނިޒާމުގެ ފެންވަރު ރަނގަޅުކުރައްވައި، އެންމެ ރަނގަޅު ގޮތުގައި ބައްޓަންކުރެއްވުމަށް މަސައްކަތްކުރައްވާ ވެރިޔަކީ ރައީސް ޑރ.މުޢިއްޒު،"ސައްތާރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޮޑެތި އިސްލާހުތަކެއް ގެންނަވައި ކައުންސިލުތައް ބާރުވެރިކުރައްވައި، ކައުންސިލުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާނެ އުމްރާނީ ވަސީލަތްތައް އެ ކައުންސިލުތަކަށް ހަމަޖައްސަވައި، ކައުންސިލު އިމާރާތްތައް އައުކުރައްވައި، ރަށާއި ފަޅު ކައުންސިލުތަކުގެ އިހުތިސާސަށް އިތުރުކޮށްދެއްވައި، މާލީ ތަނަވަސްކަން ހޯދުމުގެ ގިނަ ފުރުސަތުތަކެއް ރައީސް ޑރ.މުއިއްޒު ގެންދަވަނީ ކައންސިލުތަކަށް ފަހިކޮށްދެއްވަމުންނެވެ.