ENGLISH

10 މާރިޗު 2026

Advertisement

މަަޖިލީހުގައި އެމްޑީޕީ މެންބަރުން ސަރުކާރު ޖަވާބުދާރީނުކުރުވާ، ރަނގަޅު ހުރިހާ ކަމަކާ ދެކޮޅުހަދާ: ޝުޖާ

10 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ 12 ވަރަކަށް މެންބަރުން ސަރުކާރު ޖަވާބުދާރީކުރެއްވުމަށް އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާކަމަށާއި، ނަމަވެސް ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ހުށަހެޅޭ ހުރިހާ ކަމަކަށް އެ ބޭފުޅުން ދެކޮޅުހައްދަވަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، އެ އިންތިހާބާއެކު ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާމެދު ހޭލުންތެރިކަން އުފެއްދުމަށް ޕީއެންސީން ރާއްޖޭގެ ހުރިހާ ޓީވީތަކެއްގެ ޒަރީއާއިން ކުރިއަށްގެންދާ "ދިވެހިންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝުޖާ ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށްވުރެ ބޮޑަށް ކޮންގްރެސް ޕާޓީގެ މެންބަރުން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތް ކުރައްވާ ކަމަށެވެ. 

ޝުޖާ ފާހަގަކުރެއްވި ގޮތުގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ގަބޫލުކުރައްވައި، އެކަންކަން ތަންފީޒުކުރުމަށް ޖާގައާއި ފުރުސަތު ދެއްވާ ބޭފުޅަކު ވެރިކަމުގައި ހުންނަވާއިރު، އެ ބޭފުޅެއްގެ އަމިއްލަ ޕާޓީއަށްވެސް ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ދެއްވާނެއެވެ. 

"އެއީ ޑިމޮކްރެޓިކް ނިޒާމަށް ލޯބިކުރައްވާ ވެރިޔަކު ހުންނަވާ ކަމުގައިވަންޏާ ނުރަނގަޅު ކަމެއް ހިނގަންޏާ އެމަނިކުފާނުގެ އަމިއްލަ ޕާޓީންވެސް ސަރުކާރު އެކައުންޓަބަލް ކުރުވާނޭ. އެކަމަކު އެމްޑީޕީން އެކަން އެބަފެނޭތޯ؟ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަމެއްކަމަށްވަންޏާ އޮންނާނީ ދެކޮޅުހަދާފައި 20 ވަނަ މަޖިލީހުގައި.،" ޝުޖާ ވިދާޅުވިއެވެ. 

އެމްޑީޕީން ކަންކަން ކުރާ ގޮތުގެ ތަފުސީލަށް ވަޑައިގެން ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ ހަފުތާއެއްހައި ދުވަސް ފާއިތުނުވަނީސް އެމަނިކުފާނު މަގާމުން އަޒުލުކުރުމުގެ މަސައްކަތް އެމްޑީޕީއަށް 19 ވަނަ މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ފެށި ކަމަށެވެ. ޝުޖާ ވިދާޅުވީ ރައީސްގެ ކެބިނެޓުގެ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ދިނުމަށް އެމްޑީޕީން އިންކާރުކޮށް، އެމަނިކުފާނު ބަޖެޓަށް ހުށަހެޅުއްވި މުހިއްމު ކަންކަން ބަޖެޓުގައި ހިމަނައިދިނުމާ ދެކޮޅުހެދި ކަމަށެވެ. 

މިހާތަނަށް އައިއިރު މި ސަރުކާރުން ހުށަަހެޅި އެއްވެސް ބަޖެޓަކަށް އެމްޑީޕީން ވޯޓު ދީފައިނުވާކަން ޝުޖާ ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވައި ޝުޖާ އުފެއްދެވި ސުވާލަކީ މިއީ ރައްޔިތުންގެ ފަޅީގައި އޮވެގެން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މަސައްކަތްކުރާނެ ގޮތްތޯއެވެ. 

މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިދިިކޮޅުގައި ތިއްބެވިއިރު ދައުލަތުގެ ބަޖެޓުތަކަށް ވޯޓުދެއްވައި، އެއިރުގެ ސަރުކާރަށް ވަޒީރުންނަށް ރުހުންދެއްވިކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެކަމުންވެސް ސާފުވަނީ، މިއަދު ވެރިކަމުގައި އޮތް ފިކުރާއި އެމްޑީޕީގެ ފިކުރުގެ މެދުގައި އޮތް ތަފާތުގެ ބޮޑުކަން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު