ENGLISH
10 މާރިޗު 2026
އަލިފުށީ އެއާޕޯޓުގެ މަސައްކަތް ރޯދައިގެ ފަހުން އަލުން ފަށަން ތައްޔާރުވެއްޖެ
10 މާރިޗު 2026
|
އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު
އެންމެ މަޤްބޫލު
ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި ފެށުމަށްފަހު، އެކި ސަބަބުތަކާހުރެ ހުއްޓިފައި އޮތް ރ.އަލިފުށީ އެއާޕޯޓުގެ މަސައްކަތް ރޯދަމަަހަށްފަހު ފަށައިގަތުމަށް ތައްޔާރުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުގައި ނެތީސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އެ އިންތިހާބު ކާމިޔާބުކުރުމަށް ބަަޖެޓުން ބޭރުން 2022 ވަަނަ އަހަރު ފެށި މި މަޝްރޫއު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ މަޑުޖެހިފައެވެ. މަޝްރޫއުގެ ބައެއް މަސައްކަތްތައް އަލުން ފަށައިގެން ކުރިއަށްގެންދިޔައީ މި ސަރުކާރުގައެވެ.
މިހާރު އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ ބޮޑޫ ބައެއް ނިންމާލެވިފައިވާއިރު، ފަޔާ ބިލްޑިންވެސް ހުރީ ގާތްގަނޑަކަށް އެކީ ނިމިފައެވެ.
މި މަސައްކަަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ސާމާނު މިހާރު ސައިޓުގައި ހަމަކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރޯދަމަސް ނިމުމާއެކު އެއާޕޯޓުގައި ބާކީ ނިންމަން ހުރި މަސައްކަތްތައް ފަށައިގަތުން ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި އެއާޕޯޓު ތަރައްގީކުރުމަށް 50.5 ހެކްޓަރުގެ ބިމެއް ހިއްކައި، އެ ބިމުގެ ތެރެއިން 80 އިންސައްތަ އެއާޕޯޓު އެޅުމަށް ބޭނުންކުރުމާއެކު ބާކީ 20 އިންސައްތަަ އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ސިނާއީ އިގުތިސާދީ މަސައްކަތްކުރުމަށް ބިން ދޫކުރަންް ބޭނުންކުރަން ސަރުކާރުން ނިންމާފައިވެއެވެ.
އަލިފުށީގައި ތަރައްގީކުރާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި އެޕްރަންއާއި ޓެކްސީވޭއެއްގެ އިތުރަށް އެއާޕޯޓުގެ މަގުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޓާމިނަލް އިމާރާތާއި ފަޔާ ބިލްޑިންގެ އތުރަށް އަލިފަން ނިއްވާ ވަސީލަތްތަކާއެކު 655 މީޓަރުގެ ސަލާމަތީ ފެންސެއް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަލިފުއްޓަށް 2024 ވަނަަ އަހަރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ އެ ރަށުގައި އެއާޕޯޓު ތަރައްގީކުރުމަށް ހިއްކި ބިމުގައި ސިނާއީ ސަރަހައްދެއް ތަރައްގީކޮށްދެއްވައި، އެ ރަށުގެ ރައްޔިތުންނަށް އެކި ކުދި ސިނާއީ މަސައްކަތް ކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.