ENGLISH
11 މާރިޗު 2026
މުދަލު ޒަކާތުގެ ފައިސާ ލިބުނު މިންވަރު 59.8 އިންސައްތަ އިތުރުވެއްޖެ
10 މާރިޗު 2026
|
އެންމެ މަޤްބޫލު
މި އަހަރުގެ ފުރަތަމަ ދެ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު، 2025 ވަނަ އަހަަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ %59.8 އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކުރަމުންދާ ކޮންމެ މަހެއްގެ މާލީ ހިސާބުތަކަށް ބަލާއިރު، ފާއިތުވި ޖަނަވަރީ މަހު މުދަލު ޒަަކާތުގެ ގޮތުގައި 6.05 މިލިއަން ރުފިޔާ ލިބުނުއިރު، ފެބްރުއަރީ މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވަނީ 11.8 މިލިއަން ރުފިޔާއަށް އަރާފައެވެ.
އެއާއެކު، ޖަނަވަރީ ފެށިގެން ފެބްރުއަރީގެ ނިޔަލަށް ޖުމްލަ 17.9 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނުކަން މީރާގެ ހިސާބުތަކުން ދައްކައެވެ. 2025 ވަނަ އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނީ 11.2 މިލިއަން ރުފިޔާއެވެ.
އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދުވަނީ 59.82 އިންސައްތަ އިތުރުވެފައެވެ.
މުދަލު ޒަކާތަކީ އަމިއްލަ މުދަލުގައި ނިސާބު ހަމަވެ އެއް އަހަރު ފުރެންދެން މީހާގެ އަތުގައި އެ އަދަދަށް މުދަލެއް ހުރެއްޖެނަމަ އެ މުދަލުގެ ނިސްބަތެއް ނެރުން ފަރުޟުކުރައްވާފައިވާ ކުރެއްވުމެކެވެ. އެންމެ ފަހުން ޒަކާތުހައުސްއިން ހާމަކުރި ގޮތުގައި ރާއްޖޭގައި މުދަލު ޒަކާތް ނެރެންޖެހޭ ނިސާބަކީ 19،527.90 ރުފިޔާއެވެ.
ޒަކާތުގެ ކަންކަަން ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށްގެންގޮސް، ޒަކާތާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ހާއްސަަކޮށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ އިސްނެންގެވުމަށެވެ.
އޭގެ އިތުރަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޒަކާތުގެ ގާނޫނު ފާސްކޮށް ރައީސް ތަސްދީގުކުރައްވައި މި އަހަރުން ފެށިގެން އެ ގާނޫނަށް އަންނަނީ އަމަލުކުރަމުންނެވެ.
ޒަކާތުގެ ނިޒާމަށް ރައީސްގެ ޒައާމަތުގައި ގެންނެވި އިސްލާހީ ހެޔޮ ބަދަލުތަކާއެކު، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުވެސް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ ރެކޯޑު މިންވަރަކަށް އިތުރުވެފައިވެއެވެ.