ENGLISH

11 މާރިޗު 2026

Advertisement

އިދިކޮޅު ކައުންސިލުތައް އޮތް ރަށްރަށް މިހާރުވެސް އޮތީ ތަރައްގީ ނުވެ: މެމްބަރު ނަސީރު

10 މާރިޗު 2026

|

އައިމިނަތު ޝަފާ

އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަޙްމަދު ނަޞީރު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ؛ އެމްއެމްޓީވީ

އިދިކޮޅު ކައުންސިލަރުންނަށް މެޖޯރިޓީ ދީފައިއޮތް ރަށްރަށް މިއަދާ ހަމައަށް އައިއިރުވެސް އޮތީ ތަރައްގީ ނުވެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަސް ގެންދާ ކެމްޕެއިން ހަރަކާތް "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން މެމްބަރު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކައުންސިލުތަކުގެ ދައުރެއް އޮތް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ. 

އަމިއްލަ ފުޅު ދާއިރާއިން މިސާލު ދައްކަވައި މެމްބަރު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު އިހަވަންދޫގެ ކައުންސިލް މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ދީގެން ރައްޔިތަކަށް ވީ ފައިދާއެއް ނެތް ކަމަށެވެ. އެހެންނަމަވެސް ސަރުކާރާއި  ކައުންސިލުތައް ގުޅިގެން މަސައްކަތްކުރާ ރަށްރަށް ކުރިއަރައިގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އިދިކޮޅު ކައުންސިލެއް އޮންނަ ރަށްރަށަށް ހިދުމަތް ދިނުމުގައި ގޮންޖެހުންތަކާ ދިމާވޭ. ހިދުމަތް ނުދެވި ހުރީ. އެހެން އެކަން ވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލޯކަލް ކައުންސިލަށް ނެގޭ އިދިކޮޅު މެމްބަރުން ސަރުކާރުން ދެމުންދާ ހިދުމަތް ރައްޔިތުންނަށް ލިބުނަ ނުދިނުމަށް މަސައްކަތް ކުރަމުން ގެންދާތީ. ތިބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މިސާލަކަށް 2013 އިން 2018 އަށް ކުރި ވެރިކަމުގައި ވެސް ކައުންސިލްތައް ހުންނާނީ ހަމަ ސަސްޕެންކުރެވިފައި. އެއީ ސަރުކާރުން ހިދުމަތް ދޭން އުޅޭ ގަޑީގައި އެމްޑީޕީ ކައުންސިލަރުން އެ ތަރައްގީއަށް ހުރަސްއަޅާތީ. " - ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު

މިދިޔަ ތިން ދައުރެއްގައި އިހަވަންދޫ ރައްޔިތުން ތަރައްގީއިން މަހުރޫމުވެފައިވާތީ މިފަހަރު ރަށަށް މޮޅު ގޮތް އެދޭނަމަ ސަރުކާރަށް ތާއީދުކުރާ، ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ބަޔަކު ކައުންސިލްތަކަށް ހޮވަންޖެހޭނެކަން އިހަވަންދޫ ރައްޔިތުން ވެސް ގަބޫލުކުރާކަމަށް މެމްބަރު ވިދާޅުވި އެވެ. 

ކައުންސިލަރުންގެ ޒިންމާއަކި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށްޓަކައި މައި ސަރުކާރުން ނިންމާ ކަންކަން ވީހާވެސް ރަނގަޅަށް ތަންފީޒުކޮށްދިނުން ކަމަށް މެމްބަރު ނަސީރު ވިދާޅުވި އެވެ. އަދި ކައުންސިލުތަކަކީ ރައްޔިތުންނާއި މައި ސަރުކާރާ ދެމެދުގައި އޮންނަ ފާލަމެއް ކަމަށް ވިދާޅުވި އެވެ. 

މެމްބަރު މިފަދައިން ވިދާޅުވިއިރު ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށާ އެއީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިފަހުން ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކުން އަޅާ ހުރަހުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދި އޮތުމަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެއްވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ވައުދުތައް ފުއްދުން އަވަސްކުރުމަށާއި ރަށްރަށަށް ލިބެންޖެހޭ ހިދުމަތްތައް އަވަސް ކުރުމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެ ޕާޓީން އަންނަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުން ނެެވެ. 

ކިޔުންތެރިންގެ ހިޔާލު