ENGLISH

11 މާރިޗު 2026

Advertisement

ސްކޭމްގެ މައްސަލަތަކުގައި މި މަހު ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

10 މާރިޗު 2026

|

އައިމިނަތު ޝަފާ

ސްކޭމް ސެންޓަރުން އަންނަނީ ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުން

މި މަހުގެ މިހާތަނަށް މަކަރާއި ހީލަތުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. 

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 55 މައްސަލަ ހުށަހަޅާފައި ވެއެވެ. އެ މައްސަލަތަކުގައި 494712.70 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެތެރެއިން 270070.40 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 27 މައްސަލައެއް ހުށަހަޅާފައި ވެއެވެ.  

ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް: 

އީ-ކޮމާސް: 27 މައްސަލަ

ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 0 މައްސަލަ

ފައިސާ މާރުކުރުމުގެ މައްސަލަތައް: 7 މައްސަލަ

އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 14 މައްސަލަ

އެހެނިހެން: 7 މައްސަލަ

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު