ENGLISH

10 މާރިޗު 2026

Advertisement

ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކާއި މަޑުއްވަރީ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ހަވާލުކޮށްފި

09 މާރިޗު 2026

|

އަޙުމަދު ޙަމީދު

ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކާއި މަޑުއްވަރީގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ހަވާލުކުރުން --

ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށާއި ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ ދެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެކެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއު އެވެ.

ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް ހަވާލުކުރީ އިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު